ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ހުރިހާ ކައުންސިލަކަށް މަދުނުވާ ވަރަށް ފަޅު ރަށްތައް ގެޒެޓުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، ރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ގެޒެޓުކޮށްފައި އޮތް ގަވާއިދުގެ ދަށުން ކޮންމެ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ކޮންމެހެން އެއީ ރަށާ ޖެހިގެން އޮންނަ ފަޅު ރަށަކަށް ވާން ނުޖެހޭނެ ކަމަށެވެ. އަދި މަދު ރަށްތަކެއް ފުރަތަމަ ގެޒެޓުކުރެއްވީ ރިސްކެއް ނަންގަވަން ބޭނުންފުޅު ނުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން ވަގުތުކޮޅެއް ނަގަންވެގެން ދެން ހުރި ރަށްތައް ވެސް ޔަގީންކޮށްފައި ލިސްޓަށް ލާން. އެހެންވީމާ މިހާރު އިއުލާންކޮށްފައި އޮންނާނީ 26 ވަރަކަށް ރަށް. ދެން ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެއަށްވުރެ ގިނަ ރަށްތައް ގެޒެޓުކުރާނަން. މިހެން ގޮސް ރާއްޖޭގެ ހުރިހާ ކައުންސިލުތަކަށް މަދުނުވާ ވަރަށް އަޅުގަނޑުމެން ރަށްތައް ގެޒެޓުކުރާނަން. އޭރުން ކޮންމެ ރަށަކަށް، ކޮންމެ ކައުންސިލަކަށް އެ ކައުންސިލަށާއި އެ ރަށެއްގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާނެ ފަޅުރަށެއް ލިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ގަވާއިދުގައި އޮތްގޮތުން ކައުންސިލުތަކަށް ފަޅުރަށްތައް ލިބޭނީ ދިހަ އަހަރަށް ކަމަށާއި ނަމަވެސް އެ ދިހަ އަހަރު 25 އަހަރަށް އިތުރުކޮށްދެއްވާނެ ކަމަށެވެ. އަދި އެ ގަވާއިދަށް އެ ބަދަލު ގެނައުމުގެ މަސައްކަތް ރައީސް އޮފީހުގެ ލީގަލް ޓީމުން މިހާރު ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރުން އެ ލިބޭ ފަޅުރަށް ބޭނުންކުރެވޭނެ ފުދޭވަރެއްގެ ބޮޑެތި އިންވެސްޓްމަންޓުތައް ކުރަން. އެހެންވީމާ މަދުވެގެން 25 އަހަރަށް ފަޅުރަށް ލިބޭނެ. އަދި ގާނޫނުތައް އޮތްގޮތުން އެއަށްވުރެ ވެސް އިތުރުކުރެވޭނެ، 50 އަހަރަށް ގެންދެވޭނެ ފުރުސަތު ވެސް ހޯދޭނެ. އެހެންވީމާ ވަރަށް ފުޅާ ފުރުސަތުތައް މިދެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީދޫގެ ރައްޔިތުން ބޭނުންވާ ރަށް، "ތާވަތަ"ގެ މައްސަލަ އޮތީ ކޯޓު މަރުހަލާއެއްގައި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކީ މީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ފަޅު ރަށް ލިބުން ކަމަށެވެ. ނަމަވެސް ކޯޓުގެ އެ މައްސަލައަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.