އެމަނިކުފާނުގެ ދައުރު ނިމޭއިރު، ކޮންމެ ރައްޔިތަކީ ވެސް މުއްސަންޖަކަށް ވާން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެންދިއުން ކަމަށާއި މަސައްކަތްކުރައްވަނީ އެ އަމާޒު ހާސިލުކުރެއްވުމަށް ކަމަށެވެ.

"ކޮންމެ ފަރުދަކު، ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވާން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ މި ދައުރު ނިމޭއިރު. މުއްސަނދިކަން އެއީ އާމްދަނީގެ ގޮތުން ލިބޭ މުއްސަނދިކަން، ފުދުންތެރިކަމުގެ ގޮތުން ގެދޮރުވެރިކަން ހާސިލުވެގެން ލިބޭ މުއްސަނދިކަމަށް ވާން، އިޖުތިމާއީގޮތުން ލިބޭ ހިތްހަމަޖެހުމުގެ ތެރެއިން ހިތަށް ލިބޭ މުއްސަނދިކަން، އަޅުގަނޑުމެންގެ ދިރިއުޅުން ފަހިވެގެން ގޮސް އަޅުގަނޑުމެންގެ ދަރިންނަށް ބޭނުންވާ ކަންތައްތައް ފަހިކުރެވިގެން ގޮސް އެ ލިބޭ އުފާވެރިކަމުގެ މުއްސަނދިކަން ލިބެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމު އޮތީ ސަލާމަތްތެރިކަމާއެކީ މިނިވަންކަން މަތީގައިކަން، އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަގީންވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަން ގެންނަން ބޭނުންފުޅުވާ ކަމަށާއި މަސައްކަތްކުރައްވާނީ އެ މަގުން ކަންކަން ކުރެއްވުމަށް ކަމަށެވެ. އަދި ސަރުކާރު ހުރިހާ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ ވެރިން އަދި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން ވެސް މަސައްކަތްކުރައްވާނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އިގުތިސާދީ ތަރައްގީ ހާސިލުކުރުމަށްޓަކައި ކުރަން ހުރި ހުރިހާ ކަމަކަށް ވަރަށް އިސްކަންދޭނަން. މިގޮތުން ވައިގެ ބަނދަރުތައް އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް. އަދި އަމުދުން ފަތުރުވެރިކަން ފުޅާކުރެވިފައިވާ އަދި ފުޅާކުރުމުގެ ފުރުސަތު ބޮޑު ދިމަދިމާލުގައި އެކިކަހަލަ އެއާޕޯޓުތައް، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތައް އެޅުމަކީ އަޅުގަނޑުމެންގެ ސިޔާސަތު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގެ 120 ބިލިއަން ރުފިޔާގެ ދަރަންޏާއި ނުވަ ބިލިއަން ރުފިޔާގެ ބިލުތައް ދައްކަމުން ކަންކަމަށް މަގުފަހިކުރަމުން އާމްދަނީ އިތުރުކުރުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.