ކައުންސިލުގެ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް 25 އަހަރަށް ލިބޭގޮތަށް، މިހާރު ހެދިފައިވާ ގަވާއިދަށް ބަދަލު ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު ގެޒެޓު ކުރި "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު"ގައިވާ ގޮތުން ކައުންސިލުތަކަށް ފަޅު ރަށްތައް ދޫކުރާނީ ދިހަ އަހަރުދުވަހުގެ މުއްދަތަކަށެވެ.

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިހަ އަހަރުގެ ބަދަލުގައި 25 އަހަރަށް ލިބޭގޮތަށް ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ރައީސް އޮފީހުގެ ލީގަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެ ދިހަ އަހަރު އަޅުގަނޑުމެން 25 އަހަރަށް ބަދަލުކޮށްދޭނަން. އޭރުން އެ ލިބޭ ފަޅުރަށް ބޭނުންކުރެވޭނެ ފުދޭވަރެއްގެ ބޮޑެތި އިންވެސްޓްމަންޓުތައް ކުރަން. އެހެންވީމާ މަދުވެގެން 25 އަހަރަށް ފަޅުރަށް ލިބޭނެ. އަދި ގާނޫނުތައް އޮތްގޮތުން އެއަށްވުރެ ވެސް އިތުރުކުރެވޭނެ، 50 އަހަރަށް ގެންދެވޭނެ ފުރުސަތު ވެސް ހޯދޭނެ. އެހެންވީމާ ވަރަށް ފުޅާ ފުރުސަތުތައް މިދެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީދޫގެ ރައްޔިތުން ބޭނުންވާ ރަށް، "ތާވަތަ"ގެ މައްސަލަ އޮތީ ކޯޓު މަރުހަލާއެއްގައި ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކީ މީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ފަޅު ރަށް ލިބުން ކަމަށެވެ. ނަމަވެސް ކޯޓުގެ އެ މައްސަލައަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ޝަރުއީ ދާއިރާއަކަށް ނުފޫޒެއް ނުފޯރުވާނަން. އެހެނެއް ނޫން، އެކަން ކުރަނީ ސަރުކާރުން ހުށަހަޅައިގެން އުޅޭ މައްސަލައަކަށް ވަންޏާ އެކަން ބަލާފައި، އެ އޮންނަ އެންމެ ރަނގަޅު ގޮތަކަށް، އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމައި ސަރުކާރުން ކުރަން ހުރި ކަމެއްވިއްޔާ ކުރާނަން، ކޮށްގެން އެ ރަށް މި ރަށަށް ލިބުމަކީ އަޅުގަނޑުގެ ވިސްނުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު 26 ރަށް ގެޒެޓުކޮށްފައި އޮތް ނަމަވެސް، ކުރިއަށްއޮތް ތަނުގައި ކައުންސިލުތަކަށް މަދުނުވާ ވަރަށް ފަޅު ރަށްތައް ގެޒެޓުކުރައްވާނެ ކަމަށެވެ. އަދި ފުރަތަމަ ގެޒެޓު ކުރި ލިސްޓުގައި ރަށްތައް މަދުވެފައިވަނީ ކޯޓު މަރުހަލާއެއް ނުވަތަ އެނޫން ވެސް މައްސަލައެއް ހިމެނޭ ރަށެއް އެ ލިސްޓުގައި ހިމަނަން ސަރުކާރުން ބޭނުންނުވާތީ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.