ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް މެޖޯރިޓީ ދީފިނަމަ، މީގެ ކުރިން ދުވަހަކު ރާއްޖެ ތަރައްގީނުވާ ވަރަށް ރާއްޖެ ތަރައްގީވާނެ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ އަތޮޅާއި ބ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ. މީދުއަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރު އައިއިރު، ރާއްޖޭގެ ގިނަ ކަންކަން ހުރީ ފާލުން ނެއްޓިފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފާލުން ނެއްޓިފައި ހުރި ކަންކަން ފާލަށް އަޅުވައި ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މިވީ ދުވަސްތަކުގައިވެސް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އޮތީ ތަރައްގީގެ ފިކުރަކާއި ފަނާކުރަނިވި ފިކުރެއް ކަމަށާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތަރައްގީގެ ފިކުރު، ސަރުކާރުގެ ފިކުރުގެ މެންބަރުން މަޖިލީހަށް ހޮވައިފިނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ރާއްޖެއަށް އަންނާނެ ކަމަށެވެ.

"މަޖިލީހަށް ސަރުކާރު ކެންޑިޑޭޓުން އައިސްފިނަމަ ދުވަހަކުވެސް ރާއްޖޭގެ ތަރައްގީނުވާ ވަރަށް ތަރައްގީ ގެނެސްދޭނެކަން ޔަގީން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރަށް، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީއަށް ވެގެންވަންޏާ ރައީސް މުއިއްޒު އަޒުލުވެސް ކުރީސް ކަމަށެވެ. ނަމަވެސް އެކަން ނުކުރެވިގެން އުޅެނީ ރައްޔިތުން ރައީސްއާއެކީގައި ތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށްވެސް މި ސަރުކާރުން އިންގިލާބީ ބަދަލެއް ގެނެސްދެމުން އަންނަ ކަމަށާއި ރައީސް މުއިއްޒަކީ ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވާނެ ވެރިއެއް ކަމަށެވެ.