އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު އަވަސްކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ޝަހީމް ހިއްސާ ކުރައްވާފައެއް ނުވެއެވެ.

"އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މިދަނީ މަޝްވަރާކުރަމުން،" ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މިހާރު އީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:30 ގައެވެ.

އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި ބައެއް ދީނީ އިލްމުވެރިން ވެސް ހިމެނެއެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދު ނަމާދުކުރާ ގަޑި ކޮންމެހެން ވެސް ބަދަލުކުރަން ޖެހޭ ކަމަށެވެ. ހެނދުނު 7:30 އަކީ ހޫނު ގަދަ އަދި ތަކުލީފު ބޮޑު ވަގުތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސުންނަތުން ސާބިތުވާ އެންމެ މާތް ވަގުތަކަށް އީދު ނަމާދު ބަދަލު ކުރުމަކީ ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމައް ކަމަށް ޒައިދު ވިދާޅުވިއެވެ.