ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމް، އެރަށު "ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް)" އިން ގާއިމުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް ހަތަރު ހައިޑްރޯޕޯނިކްސް ސިސްޓަމް ގާއިމުކުރެވުނު ކަމަށެވެ. އެއިން ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭ ކަމަށާއި އެއްފަހަރާ 700 އަށްވުރެ ގިނަ ގަސް ހެއްދޭނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ގާއިމުކުރި ހަތަރު ހައިޑްރޯޕޯނިކްސް އިން ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކިހާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ޑަބްލިޔުޑީސީ އަދި ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ ހަރަކާތްތަކަށެވެ.

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީން ވަނީ ޑަބްލިޔުޑީސީއާ ގުޅިގެން އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދަނޑުވެރިކަމާއި ހައިޑްރޯފޯނިކްސްއާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ތަމްރީނުދިނުމުގެ ސެޝަންތަކެއްވެސް ބާއްވައިފައެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފު ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާ ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓުތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކުރި ފަންޑެކެވެ.