ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ޒާހިރުއަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރަން ނިންމައިފިއެވެ.
ފެލިދޫ ދާއިރާއަކީ އެމްޑީޕީން ވާދަކުރާ ދާއިރާއެއް ނޫނެވެ. އެމްޑީޕީން މިއަދު ބުނީ، ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ އަލީ ޒާހިރަށް އެޕާޓީން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.
ފެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓުދިނުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
އަލީ ޒާހިރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭރު ހުންނެވީ އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.
ފެލިދޫ ދާއިރާގައި ހިމެނެނީ، ވ. އަތޮޅުގައި އޮތް ތިން ރަށެވެ. އެއީ ފެލިދޫ, އާއި ފުލިދޫގެ އިތުރުން ތިނަދޫއެވެ.
މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވީ، ޕީއެންސީގެ މެންބަރު ފަޒުލް ރަޝީދެވެ. އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ލިބިވަޑައިގަތުމުން އޭނާވަނީ މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެދާއިރާއަށް އަލީ ޒާހިރުގެ އިތުރުން ތިން ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސައިން ޒައިދު އާރިފް އާއި ޑިމޮކްރެޓްސްގެ ޝުޖާއު އަލީ އާއި ޕީއެންސީގެ އާދަމް ޒާހިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު