ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން ބެލެހެއްޓުން އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނުވަލައްކަ އަކަކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދު މިވީހާ ޒަމާނަކު ދިވެހިންނަށް އަމިއްލައަށް ބެލެހެއްޓިފައި ނުވާ ކަމަށާއި އަބަދުވެސް ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންދިޔައީ އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ.
"އަބަދުވެސް ކޮންމެވެސް އެހެން ބަޔަކު ބަލަހައްޓަން ނޫނިއްޔާ ބަލައިދިނިއްޔާ މި އެނގެނީ. އަޅުގަނޑުމެންގެ ކެޕޭސިޓީއެއް ނުހުރޭ އަބަދާއި އަބަދު ބެލެހެއްޓޭނެ. އެހެންނަމަވެސް އަބަދާއި އަބަދު 24 ގަޑިއިރު ހުއްޓުމެއްނެތި އަޅުގަނޑުމެންގެ މި ބިޔަބޮޑު އެކްސްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ އަމިއްލަ ގާބިލުކަން ގާއިމުކުރުމުގެ މަސައްކަތް ބާރުމިނުގައި މިދަނީ. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި އެކަން ވެސް ފަށާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން ފޮނުވާލަނީ ނަމެއްގައި ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުންދާ ކަމަށާއި ނަމަވެސް މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަނީ ހަގީގީ މާނައިގައި ކަމަށެވެ. އަދި މިހާރު އެކަމަށްޓަކައި "ލެޓާ އޮފް އެކްސްޗޭންޖް"ގައި ސޮއިކުރެވިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އޭގެ ދަށުން 10 މާޗުގެ ކުރިން އެއްބައި މީހުން ގެންދަނީ، މިހާރު އެމީހުންގެ ބަދަލުގައި ގެންނަ މަދަނީ މީހުން އައިސް އެތިބީ. ދެން ތިބި މީހުންތައް އިތުރު ދެ މަސް ތެރޭގައި އަނބުރާ ގެންދާނެ. އަޅުގަނޑުމެން ކަންކަން ކުރަން ޖެހޭނީ ވަކި އުސޫލެއްގެ ތެރެއިން، ވަކި ހަމައެއްގެ ތެރެއިން. އަޅުގަނޑުމެން ގަދަބަދަކަން ދައްކައި، ރުންކުރުވެގެން ރައްޔިތުންނަށް ލިބޭނެ މޮޅެއް އޮތް ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅެއް ހުރިއްޔާ އެބަޖެހޭ އެގޮތެއް ރައްޔިތުންނަށް ކިޔައިދެއްވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މެއި މަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ފޮނުވައިލެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އަމިއްލައަށް ކަންކަން ކުރެވޭނެ ކެޕޭސިޓީ ގާއިމުކުރަމުގެ މަސައްކަތުގެ ދަށުން އަންނަ ހުކުރު ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު