ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމު އުފައްދަވަން ނިންމެވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.

އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވީ، ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް އީސީއަށް ފޯމު ހުށަހަޅާފައިވާތީ އެ ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ވީހާ އަވަކަށް ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވެސް މިއަދު ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އީސީން ހުއްދަ ދީފައިވާ އިރު، ޒެއިން އަބްދުﷲ ޔާމީން (ރައީސް ޔާމީންގެ ދަރިކަލުން) ގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި، އެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް 3060 ފޯމު އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕާޓީ އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ ޒެއިން އަބްދުﷲ ޔާމީނަށް އަރުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ޔާމީން އުފެއްދެވި ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެ މަނިކުފާނު ޕީޕީއެމުން ވެސް ވަކިވެވަޑައިގަތް ދުވަހެވެ.

ޕީއެންއެފް އުފެއްދުމަށް އީސީން ހުއްދަ ދީފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.