ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އިމާރާތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ހުޅުމާލޭގައި ދިރިއުޅޭ މީހަކު ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ސިއްހީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮވުންތައް ހިއްސާކޮށް، އެކަންކަމަށް އޮތް ހައްލަކީ ކޮބައިތޯ ރައީސްއާ ސުވާލުކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މާލެ ސިޓީ ސަރަހައްދުގެ ސިއްހީ ނިޒާމު ރަނގަޅުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެއް ކަމަށާއި ސިއްހީ ހިދުމަތްތައް ދިނުމުގެ މަސައްކަތް ބާރު ސުޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ފޭސް ވަން އަދި ފޭސް ޓޫގައި ދިރިއުޅެމުންދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހާ ގިނަ މީހުންނަށް ހިދުމަތްދޭ އިރުގައި ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއްވެސް އަޅަން ޖެހޭނެ. އެހެންވީމަ މި މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.