ށ. ކަނޑިތީމުން (ޢަލީ ޔާމީން، ވަން އޮންލައިން)
މުޅި ސަރުކާރުގެ މަލަމަތި ބަދަލުވެފައިވާ ކަމަށާއި މި ވެރިކަމަކީ ރައްޔިތުންނާ ގާތުން, ރައްޔިތުންގެ ވެރިކަމެއް ކުރާ ސަރުކާރެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތިން ވަނަ ދުވަހުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސްކޫލުގައި ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަމުގެ މިހާ ކުރީކޮޅުގައި ރަށްރަށަށް ޒިޔާރަތްކުރައްވަން ފެއްޓެވުމުން، ލާމަރުކަޒީ މިނިސްޓަރުގެ ހައިސިއްޔަތުން އޭނާގެ މަސައްކަތަށް ބޮޑު ފަސޭހައެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، މީގެ ކުރިން ކައުންސިލްތަކުން ރައީސާ ބައްދަލުކުރުން އޮންނަނީ އުނދަގޫ ކަމެއްގެ ގޮތުގައި ކަމަށާއި ބައެއް ފަހަރު ބައްދަލުވެސް ނުކުރެވޭ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެގޮތުންވެސް ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.
"މުޅި ސަރުކާރުގެ މަލަމަތި ބަދަލުވެގެން ހިނގައްޖެ، ރާއްޖޭގެ ރައްޔިތުން މިއަދު ގަބޫލު ކުރޭ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމަކީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ކަމަށް،" އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުންނާ މަޝްވަރާއާ ލަފައާއެކުގައި ކަމަށެވެ.
"މި ނޫނީ ހަލުވި ދުވެލީގައި ކަންކަން ކޮށްދޭ ސަރުކާރެއް މިހާތަނަށް ފެނިފައެއް ނުވޭ،" އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރައީސްގެ ވައުދުތައް ފުއްދުމަށާއި ރާއްޖެއަށް ތަރައްގީ ގެނެސްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ލިބެން ޖެހޭ ކަމަށާއި އެކަން ކުރުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ވޯޓު ލެއްވުން އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު