ހދ. މަކުނުދޫގައި ހަދަމުންދާ އެއާޕޯޓުގެ މަސައްކަތް ނިންމާލައި މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މަކުނުދޫގެ މީހަކު ވަނީ އެ ރަށު އެއާޕޯޓު ނިމި، ދަތުރުތައް ފެށޭނީ ކޮން ދުވަހަކުތޯ ރައީސްއާ ސުވާލު ކުރައްވައިފައެވެ.
އެ ސުވާާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މަކުނުދޫގެ އެއާޕޯޓު މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އެ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑު މި ބަލަނީ އެއާޕޯޓް ހުޅުވޭތޯ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.
މަކުނުދޫ އެއާޕޯޓުގެ ރަންވޭ ކުރިން ހެދުމަށް ނިންމާފައިވަނީ 1،500 މީޓަރަށް ކަމަށާއި ނަމަވެސް ސަރުކާރުން ރަންވޭގެ ދިގުމިން 1،800 މީޓަރަށް ބޮޑުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއިރުން އެއާޕޯޓަށް އިތުރު ކުރިއެރުންތަކެއް ވެސް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަކުނުދޫއަކީ އެހެން ރަށްތަކާ ހިލާފަށް ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އަދި ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ރަށެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުން ވަނީ މަކުނުދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ހަވާލުކޮށްފައެވެ.
ޖުމުލަ 16 މިލިއަން ޑޮލަރު (245 މިލިއަން ދިވެހި ރުފިޔާ) އަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަކުނުދޫގައި ހަދަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު