ސަރުކާރުގެ އެންމެ ބޮޑު ޕްރޮޖެކްޓު، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލް މުހައްމަދު ސިރާޖް "ވަން" އަށް މިއަދު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓް ކުރިއަށްނުދާ ކަމަށްބުނެ ފަތުރާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގައެެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދޭ ގޮތަށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވަނީ ނިންމަވައިފައެވެ.
ރައީސް ޑރ. މުއިއްޒު، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 11 އިން 14 އަށް ވޯލްޑް ގަވަމެންޓް ސަމިޓު 2024ގައި ބައިވެރިވެވަޑައިގެން، އެ ދަތުރުފުޅުގައި މުޅި ރާއްޖޭގައި 70،000 ހައުސިން ޔުނިޓް އިމާރާތްކުރަން އިންވެސްޓަރުން ހޯދަން ހުޅުވާލިއެވެ.
އެ ދަތުރުފުޅުގައި، މިމަހުގެ 13 ވަނަ ދުވަހު ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމުގައި ދިވެހި ސަރުކާރުން ހުޅުވާލި އިންވެސްޓް ކުރުމަށް ފުރުސަތުގެ ތެރެއިން އެއް ބަޔަކީ ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެ ތެރޭގައި އާބަން ޑިވެލޮޕްމަންޓް ސަރަހައްދުތަކެއް ކަނޑައަޅައިގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ.
މިދިޔަ ޖެނުއަރީ މަހު ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ވެސް ރަސްމާލޭގައި ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ތަރައްގީކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު