އެއްފަހަރާ 50 ރަށެއްގެ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަކުނުދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިހާރު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި ހުރިހާ ރަށެއްގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރެއްވިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުސޫލުން ހިންގަން ފެށިތާ 13 އަހަރު ފުރި، 14 ވަނަ އަހަރު ގުނަން ފެށި އިރު، ކައުންސިލުތަކުގެ އުމްރާނީ ތަރައްގީއަށް ސަރުކާރުތަކުން ސަމާލުކަން ދީފައިނުވާ ކަމަށާއި ވަރަށް މަދު ރަށެއްގައި ނޫނީ ކައުންސިލުގެ އިމާރާތްތައް ހަދާފައިނުވާ ކަމަށެވެ. އެހެންވެ ރައްޔިތުންނަށް ހިދުމަތްދިނުމަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަހަރު ތެރޭގައި ވަރަށް ބޮޑު މަޝްރޫއެއް ފަށާނަން. ބަޖެޓުގައި ނެތް، އެހެން ނަމަވެސް އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިން އަޅުގަނޑުމެން ފައިސާ ހޯދައިގެން ރައްޔިތުންނަށް ހިދުމަތްދޭން ހުރި ކައުންސިލުތަކަށް ބޭނުންވާ މަރުކަޒުތައް އަޅައިދިނުމަށްޓަކައި ފަށާ މަޝްރޫއެއް. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށުގެ ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ގާއިމުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 50 ރަށް ހިޔާރުކުރުމުގައި ބައްލަވާނީ އެންމެ ބޮޑަށް ހަލާކުވެ، ޖާގަ ކުޑަ ކައުންސިލް އޮފީސްތަކަށް ކަމަށެވެ. އަދި އާބާދީގެ ގޮތުން އެންމެ ބޮޑު ރަށްރަށުގައި ހިދުމަތްދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ރަށްރަށަށްވެސް އިސްކަންދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި މަޝްރޫއު މިހާރު ވަނީ އެކުލަވާލުމުގެ މަސައްކަތް ފެށިފައި. މިއަހަރު ތެރޭގައި އެއްފަހަރާ 50 ރަށުގައި މަސައްކަތް ފަށާނަން. އެއީ ފުރަތަމަ ފިޔަވަހި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އިމާރާތްތައް ބިނާކުރުމުން ރައްޔިތުންނަށް ހަގީގީ ހިދުމަތް ލިބިގަތުމުގައި ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ބޭނުންފުޅުވަނީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ހިންގުމުގެ ފުރުސަތު ދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު