އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި، ހ. ގިނަމާގެ މުހައްމަދު އިޔާޒްގެ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން އެ ކޯޓުން ނިންމައިފިއެވެ.
އިޔާޒްގެ ކެނޑިޑެސީ ބަލައި ނުގަތުމަށް އީސީން ނިންމާފައިވަނީ، އޭނާގެ ރަސްމީ އިންތިހާބީ އެޖެންޓްގެ ދަރަނީގެ ރެކޯޑު ރަނގަޅަށް ސާފުވާން ނެތުމުންނެވެ.
އީސީން ބުނެފައިވަނީ، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނެފައިވާ ރަސްމީ އިންތިހާބީ އެޖެންޓް ކަމަށް ކަނޑައަޅާ ފަރާތުގެ ސާބިތު ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން ހިމެނޭ ކަމަށެވެ.
އެހެންކަމުން އިޔާޒް އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުން ގަބޫލުނުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ ލިއުންތަކުގެ ތެރެއިން އޭނާގެ އިންތިހާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް ފޯމުގައި ވޭތުވެދިޔަ ފަސް އަހަރުގެ ރެކޯޑް ކަމުން އޭގެ ކުރީގެ ރެކޯޑް ފެންނަން ނެތުމުން، އެ މުއްދަތުގެ ކުރީގެ ދަރަންޏެއް އޮތްކަން ނުވަތަ ނޫންކަން ކަށަވަރު ކުރެވެން ނެތުމުން ކަމަށެވެ.
އިޔާޒްގެ ރަސްމީ އިންތިހާބީ އެޖެންޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ ހ. ގިނަމާގެ އަހްމަދު އިނާޒްއެވެ. އޭނާ ވަނީ މި މައްސަލައަށް ތަދައްހުލުވެފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، އިޔާޒް އާއި އިނާޒްގެ ފަރާތުން އެދިފައިވަނީ އިންތިހާބަށް ކުރިމަތިލާން ހުށަހެޅި ފޯމު ބަލައިގަތުމަށް އީސީގެ މައްޗަށް ސުޕްރީމް ކޯޓުން އެންގުމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނޭ ބެންޗުން ބައްލަވައި، ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ ރައުޔުގައި ވިދާޅުވެފައި ވަނީ، އިންތިހާބަށް ކުރިމަތި ލުމުގެ ކުރިން އެ އިންތިހާބުގައި ރަސްމީ އިންތިހާބީ އެޖެންޓަކު ކަނޑައަޅަންވާނެ ކަމަށާއި އެޖެންޓްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެޖެންޓަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި އިޔާޒްގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބެލި އިރު، ރެކޯޑް ސާފުކުރާ ފޯމުގައި، އިންތިހާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ބާވަތުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހަމައެކަނި ކުށުގެ ރެކޯޑްކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ދަރަނީގެ ރެކޯޑް ބަލަން ފާހަގަ ޖަހާފައެއްނުވެއެވެ. އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކޮށްފައިވަނީ ހަމައެކަނި ކުށުގެ ރެކޯޑުކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން އީސީއަށް ހުށަހަޅަންޖެހޭ މުއްދަތުގައި އިންތިހާބީ އެޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑް އީސީއަށް ހުށަހަޅާފައިނުވާކަން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިއުންތަކުންނާއި ދެފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދާ އެކު މި މައްސަލައަކީ އިތުރަށް ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު