މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައިވާ 5.1 ބިލިއަން ރުފިޔާގެ މުދަލަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެތެރެކުރި މުދަލުގެ އަގަށްވުރެ 31 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރީ 3.9 ބިލިއަން ރުފިޔާގެ މުދަލެވެ.

ޖެނުއަރީ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އަގު ވަނީ 31 ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 251 މިލިއަން ރުފިޔާގެ މުދާ ބޭރު ކުރި އިރު، މި އަހަރުގެ ޖެނުއަރީ މަހު ބޭރުކޮށްފައިވަނީ 173 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން ބޭރު ކުރި މުދާ މަދުވި ނަމަވެސް މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލައި އިރު، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ލިބުނު އާމްދަނީ ވަނީ ހަތް ޕަސެންޓް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި ލިބުނީ 349 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ 373 މިލިއަނަށް އަރައެވެ.

ޖެނުއަރީ މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޫރެވެ. އެންމެ ގިނައިން މުދާ ބޭރު ކުރީ ތައިލޭންޑާއި ޖަރުމަނާއި އިނގިރޭސި ވިލާތާއި ބަންގްލަދޭޝް އަދި އިންޑިއާއަށެވެ.