ހދ. ނޮޅިވަރަންފަރުން (ޢަލީ ޔާމީން، ވަން އޮންލައިން)
މި ސަރުކާރުގެ ހަގީގީ ސްޕީޑު ފެންނާނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަންދޫބުންތަަކަށް ޖާގަ ދީގެން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް އިރުވެސް އޮތީ ރަށްތަކަށް އިހުމާލުވެފައި ކަމަށެވެ.
"168 ބިލިއަން ރުފިޔާއަށް ވުރެ ކުޑައެެއް ނުވާނެ ފަސް އަހަރުގެ ބަޖެޓެއް، ކޮބައިތޯ އެ ފައިސާ؟" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މަޖިލީހުގައި އިދިކޮޅުގެ މެޖޯރިޓީ އޮތުމުން، ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކަންކަން ކުރިއަށްގެންދަން ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބައެއް މަގާމުތަކުގައި ތިބި ބޭފުޅުން ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަވެސް ވަކިނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މީގެ ކުރިން އެއްވެސް ވެރިޔަކު ނުގެންގުޅުއްވާ ސްޕީޑު ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށެވެ.
"މި ސަރުކާރުގެ ހަގީގީ ސްޕީޑު ފެންނާނީ ސަރުކާރުގެ މަންދޫބުން، ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުން މަޖިލީހަށް އައިސްގެން،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މި ސަރުކާރު ހަވާލުވި އިރު، ގައުމު އޮތީ އިގުތިސޯދީ ގޮތުން ބަނގުރޫޓުވެފައި ކަމަށާއި ނަމަވެސް އިގުތިސޯދު ކޮޅަށް ޖެއްސެވުމަށް ރައީސް ބުރަ މަސައްކަތްޕުޅެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު