ހއ. ބާރަށުގައި ހިންގަން ވައުދުވެވަޑައިގެންނެވި އިކޯ ޓޫރިޒަމް ޕްރޮޖެކްޓް ހަގީގަތަކަށް ހައްދައިވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބާރަށަށް ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު މަސައްކަތަކީ އިގުތިސާދު އަދި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު އިކޯ ޓޫރިޒަމް ޕްރޮޖެކްޓު ކަމަށެވެ.

"އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލައިގެން މި ރަށުގެ ކުރިމަގަށްޓަކައި ދުރު ރާސްތާގެ ކުރިމަގަށް ވެސް ހިނގޭ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގުމަކީ ތިބޭފުޅުން އެދިވަޑައިގަންނަވާ ކަމަކަށްވާތީ ވެފައިވާ ވައުދެއް. އެހެންވީމާ އެކަން ހަގީގަތަކަށް ހަދައިދޭނެކަން އަޅުގަނޑު ތަކުރާރުކޮށްލަން. އެކަން ކުރިއަށްދާ އިރުގައި، ވަށައިގެން ރިންގު ރޯޑެއް ހެދުމާއި، މިކަހަލަ ކަންތައްތަކެއް ހުންނާނެ ވައުދުވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދެވުމަކީ އެންމެ ސަމާލުކަން ދެއްވާ ކަންތައް ކަމަށާއި ނަމަވެސް ސަރުކާރުގެ ބަޖެޓުގައި ތާށިކަން އެބަހުރި ކަމަށެވެ. އަދި މިހާރު އޮތް ބަޖެޓަކީ މި ސަރުކާރަށް ވާރުތަ ކުރި ބަޖެޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން ހެދި ބަޖެޓެއް ނޫން. އެނގިވަޑައިގަންނަވާނެ މިހާރު މި ނިމެމުންދާ މަޖިލިސްގެ ދައުރުގައި، މިހާރު އޮތް މަޖިލީހުން ބޭނުންގޮތަކަށް ބައްޓަންކުރި އަޅުގަނޑުމެންނަށް ލިބުނު ދިހަ ވަރަކަށް ދުވަސް ޓްރާންސިޝަން މަރުހަލާގައި. ހުށަހެޅި ކަންކަން ހުށަހެޅި ގޮތަކަށް ނޫން ބަޖެޓު ހަދައިދީފައި އޮތީ. މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ބަޖެޓު ހުށަހެޅީ ވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު އޮތް ބަޖެޓުގެ ތެރެއިން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކަށް މުޅިން ޖާގަ ނުލިބޭ ކަމަށާއި އެހެންކަމުން މިއަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ބޭނުންފުޅުވި ގޮތަށް ކުރެއްވުމުގައި ދަތިތަކެއް ހުރި ކަމަށެވެ.