ގއ. ވިލިނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓަކާއި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް މި ސަރުކާރުން ސޮއިކުރި ބެލްޖިއަމްގެ ބެސިކްސް އެސްއޭ ކުންފުނިން މިދިޔަ ސަރުކާރަށް އެކަމާ ގުޅޭ ޕްރޮޕޯސަލެއް ހުށަހެޅި ކަމަށާއި އޭރު ހުށަހެޅި ޕްރޮޕޯސަލްގައި ބަދަލުގެ ގޮތުގައި ހުށަހެޅީ ތިން ފަޅުރަށަށް ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ވިލނގިލީގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ހެދުމަށް ބެލްޖިއަމްގެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެކުނު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ވިލިނގިލި އެއާޕޯޓަކީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި އޭގެ ބަދަލުގައި ކޮންޓްރެކްޓަރަކަށް 11 ރަށް ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ހުވަދޫ އަތޮޅުގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަކްރަމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިނގިލި އެއާޕޯޓް ހަދަން ހަވާލުކުރި އެންވީ ބޭސިކްސްގެ ފަރާތުން ކުރީ ސަރުކާރަށްވެސް ޕްރޮޕޯސަލް ހުށަހެޅި ކަމަށާއި ނަމަވެސް އެއީ ފީސިބަލް ކަމަކަށް ނުވުމުން އެކަން ކުރިއަށް ނުގެންދަން އޭރު ނިންމީ ކަމަށެވެ.

"ވިލިނގިލީގައި މި ސަރުކާރުން ކޮންޓްރެކްޓް ކުރި މަޝްރޫއު ހުށަހެޅުންތައް ހަމަ އެ މީހުން އެމްޑީޕީ ސަރުކާރަށްވެސް ހުށަހެޅި. އޭރު އެ ކުންފުނިން ހުށަހެޅީ އެއާޕޯޓު ތަރައްގީކުރަން ބަދަލުގައި ތިން ފަޅު ރަށް ދިނުމަށް. ނަމަވެސް މި ސަރުކާރުން އިތުރު ނުވަ ރަށް. އަދި ދެއްކީވެސް ހަމަ އެ ވީޑިއޯ،" އަކްރަމް ވިދާޅުވިއެވެ.

އޭނާ ވަނީ އެންވީ ބޭސިކްސްގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްގެ ބައެއް މައުލޫމާތުވެސް އާންމުކޮށްފައެވެ.

އޭގައިވާ ގޮތުން ތިން ފަޅު ރަށެއްގެ ބަދަލުގައި ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް އެ ކުންފުނިން ހުށަހެޅީ 13 ޖުލައި 2023ގައެވެ. އޭރުވެސް އެ މަޝްރޫއުގެ ދިވެހި ކްލައިންޓަކީ ހޮޓަލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހެވެ.

އެ ޕްރޮޕޯސަލްގައިވާ ގޮތުން ވިލިނގިލި އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާނީ އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ފެންވަރުގެ 2،220 މީޓަރުގެ ރަންވޭއެކެވެ. އަދި އެއާޕޯޓާއެކު ޓްރާންސިޓް ހޮޓަލެއްވެސް ހަދަން ހުށަހަޅާފައި އޮތެވެ. ޕްރޮޕޯސަލްގައިވާ ގޮތުން ވިލިނގިލި އެއާޕޯޓް ހެދުމަށް ހަރަދުވާނީ 65 މިލިއަން ޑޮލަރެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓު ތަރައްގީކުރުމަށް ހަރަދުވާނެ ކަމަށް ބުނެފައިވަނީ 120 މިލިއަން ޑޮލަރެވެ.

ނަމަވެސް ވިލިނގިލި އެއާޕޯޓް ހަދަން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަނާހު ވިދާޅުވީ، އެއާޕޯޓް ހެދުމަށާއި 11 ރިސޯޓު ތަރައްގީކުރުމަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި ފުރަތަމަ ފޭސްގައި ވިލިނގިލި އެއާޕޯޓުގައި 2،700 މީޓަރުގެ ރަންވޭއަކާއި މަޝްރޫއު ނިމޭއިރު އެ ރަންވޭ 3،400 މީޓަރަށް ބޮޑުކުރާނެ ކަމަށް ވިދާޅުވިއެވެ.