އިންޑިއާގެ ދަނޑުވެރިން ކުރާ މުޒާހަރާ ހޫނުވެ އެކަކު މަރުވެއްޖެއެވެ.

ދަނޑުވެރިން އުފައްދާ ގޮވާމުގެ ހަމަ އަގު ދިނުމަށް ގޮވާލައި އެތައް ސަތޭކަ ދަނޑުވެރިންނެއް އިންޑިއާގެ ވެރިރަށް ދިއްލީގައި ކުރަމުންގެންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަޝްރަހު ވަނީ އިތުރަށް ހޫނު ވެފައެވެ.

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ބޮޑުވެ ބުދަ ދުވަހު ވަނީ 22 އަހަރުގެ މީހަކު މަރުވެފައެވެ. ޕަންޖާބުގެ ހެލްތު މިނިސްޓަރުގެ އިތުރުން އެ ސިޓީގެ ހޮސްޕިޓަލުން ވަނީ އެމީހާ މަރުވެފައިވާކަން ކަށަވަރުކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިޔަކު މަރު ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާ އިންތިޒާމު ކުރާ ދަނޑުވެރިންނާ ބެހޭ ޔޫނިއަނުން ވަނީ އެމީހާ މަރުވެފައި ވަނީ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންކަމަށް ބުނެފައެވެ.

ދަނޑުވެރިންގެ މުޒާހަރާތައް މަހަކަށްވުރެ ދިގުދެމިފައިވާއިރު މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ދަނޑުވެރިންގެ ޔޫނިއަނުން ވަނީ އެއް މޭޒަށް އައިސް މަޝްވަރާވެސް ކޮށްފައެވެ. ނަމަވެސް އަދި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާކަމަށް ދެފަރާތުން ވެސް ބުނެއެވެ.