ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފުލެޓު ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ފެނިގެން ފުލެޓު ދިނުން ހުއްޓުވުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަހުގީގުގައި ފުލެޓު ލިބޭ ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑަަޅައި މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ލިސްޓެއް ފޮނުވާފައިވާ އިރު، އެކަމުގައި މިނިސްޓްރީން ދެން ކުރިއަށްދާނީ އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފައެއް ލިބިގެން ކަމަށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ވިދާޅުވެއްޖެއެވެ.

ނިޒާމް މިހެން ވިދާޅުވީ، އޭސީސީގެ މެންބަރުންނާއި، މިނިސްޓްރީގެ މެންބަރުންގެ އިތުރުން ފުލެޓު ދިންއިރު އޮތް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާ އަކުރަމް ކަމާލުއްދީން ހިމެނޭގޮތުން އެ ކޮމިޓީގެ މެންބަރުން ހާޒިރުކޮށްގެން ރައްޔިތުުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ނިޒާމް ވިދާޅުވީ، ފުލެޓު މައްސަލައިގައި އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގުގެ ނަތީޖާ ސިޓީއެއްގެ ޒަރީއާއިން މިމަހު އެއްވަނަ ދުވަހު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ޕޯޓަލްގެ ބެކަޕް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފޯމުތަކުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ލިޔުންތައް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލެޓު ލިބުނުކަމަށް ކުރީ ސަރުކާރުން ނެރުނު ލިސްޓުން އަދި މިހާތަނަށް އެކަކުވެސް އުނިކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކުރިއަށްދާނެ ގޮތަކާ މެދު އޭޖީގެ ލަފައަކަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ދެން އެ މަސައްކަތް ކުރިއަށްގެންދާނީ އޭޖީގެ ލަފާ ލިބުމުން ކަމަށާއި އެއަށްފަހު ގާނޫނީ މިންގަނޑުތައް ބަލައި ހައްގުވެރިންނަށް ފުލެޓު ދޭނެ ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.

ފުލެޓު ދޫކުރުމުގައި މައްސަލަތެއް ހުރިކަން ފާހަގަވެގެން ފުލެޓު ލިބުނު ފަރާތްތަކަށް ފުލެޓު ހަވާލުކުރުން ހުއްޓުވައި އެ މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އަދި އޭސީސީން ވަނީ ފުލެޓަށް ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުންގެ ލިސްޓެއްވެސް އެކުލަވާލައިފައެވެ. އެ ލިސްޓު މި ސަރުކާރުގެ ހައުސިން މިނިސްޓްރީއާވެސް ވަނީ ހިއްސާކޮށްފައެވެ.

އޭސީސީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފުލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.