އައްޑޫ ސިޓީގެ ހުޅުމީދޫން (މުހައްމަދު އިޝާން ވަން އޮންލައިން)

އައްޑޫ ބުރިޖު، ހުޅުމީދޫއާއި ހުޅުދޫ ގުޅުވައިދޭ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް މިސްރު ކުންފުންޏެއް ކަމަށްވާ ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫއަށް ވަޑައިގެން، ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އައްޑޫގެ ބުރިޖުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ދަ އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ އެ ބައްދަލުވުމުގައެވެ.

އެކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބޯޑު މެންބަރު އަދި އިންޖީނިއާ ހެބާ އަހުމަދެވެ.

ހުޅުމީދޫއާއި ހުޅުދޫއާ ދޭތެރޭގައި ބުރިޖެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވަނީ އެ ބުރިޖުގެ މަސައްކަތަށް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެގޮތުން ދަ އަރަބް ކޮންޓްރެކްޓާސް ކުންފުނިން ވަނީ އެ ބުރިޖުގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ހިލޭ ކޮށްދޭނެ ކަމަށް ސަރުކާރަށް އަންގާފައި ކަމަށެވެ.

އެ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ މަސައްކަތް ހަފުތާ14 ގައި ތެރޭގައ ވެސް ރައީސް މުއިއްޒު ވަނީ ހިމަނުއްވައިފައެވެ.