ރާއްޖޭގެ އިގުތިސާދު ދަނީ އެންމެ މައްޗަށް ކަމަށް ވިދާޅުވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ތައުރީފުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫފޭދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދާދިފަހުން ދުބާއީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އައިއެމްއެފްގެ ޑިރެކްޓަރު ޖެނެރަލް ވެސް ރާއްޖެއިން ނެގި އިގުތިސާދީ ފިޔަވަޅުތައް ފާހަގަކުރެއްވި ކަމަށެވެ.
"އަޅުގަނޑު އެންމެފަހުން ދުބާއީގައި އޮތް ބައްދަލުވުމުގައި އައިއެމްއެފްގެ ޑިރެކްޓަރު ޖެނެރެލާ ބައްދަލުކޮށްފައި ވެސް ދެންނެވީ އެ ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް ނިންމައިގެން މި ފެށި އިގުތިސާދީ އެޖެންޑާއިން ރާއްޖެ ދާނީ އެންމެ ދިމާއަކަށޭ، އެއީ މައްޗަށޭ. ލަފްޒީ މާނައިގައި ހަމަ އެހެން ވިދާޅުވީ އެކަމަށް އިޝާރާތްކޮށްފައި. އޭގެ މާނައަކީ އަޅުގަނޑުމެންގެ އިގުތިސާދު ދާނީ ކުރިއަށޭ. އެހެންވީމާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކަށް އޮތީ މި މަސައްކަތަށް އިތުބާރުކުރެއްވުމަށް. މިކަން ކުރިއަށްގެންދިއުމަށް ފުރުސަތު ދެއްވައި އިތުބާރުކުރެއްވުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ އުނދަގޫ ކަމަކަށް ވެވަޑައިގެންނެވި ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެގޮތަށް ނިންމާފައިވަނީ ފަސޭހަ ގޮތަށް ފައިސާ ޗާޕުކުރަމުން ގޮސް ހުރިހާ ކަމެއް ދެކޮޅު ޖެއްސެން އޮއްވައި ކަމަށެވެ. ނަމަވެސް އެއީ ފައިދާ ހުރި ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމަކު އެއީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫން، ތިބޭފުޅުންނަށް ރަނގަޅު ގޮތެއް ނޫން. ތިބޭފުޅުންގެ ދަރިންނަށް، އާއިލާތަކަށް، މުސްތަގުބަލަށް ރަނގަޅު ގޮތެއް ނޫން. އެހެން އެކަން ކުރަން ވެއްޖެއްޔާ ހައްތަހާ ދާނީ ބޮލަކަށް ޖެހޭ ދަރަނި އެތައް ސަތޭކަ މިލިއަނަކުން އިތުރުވަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލާނެ ކަމަށް ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ހެވާއި ލާބަ ލިބޭނެ ގޮތަކީ އެއީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު