މި ސަރުކާރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް މިހާތަނަށް 442 މިލިއަން ރުފިޔާ ދެއްކިފައިވާ ކަމަށާއި ބާކީ ހުރި ފައިސާ ރޯދަމަސް ފެށުމުގެ ކުރިން ދައްކައި ނިންމުމަށް މަސައްކަތްކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫފޭދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދޫކުރި ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިންނަށް 200 އެތައް މިލިއަން ރުފިޔާ ދައްކަން އޮތް ކަމަށެވެ.
"އެ ފައިސާ ދައްކައި، އަދި އިތުރަށް ވެސް މަސްވެރިން ބާނަމުންދާ ވަރަކަށް ދައްކަން ފައިސާ ހުންނާނެ. ޖުމުލަ 442 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި މި ދެއްކީ. އަދި މަސްވެރިކަން ކުރިއަށްދާ ވަރަކަށް މަސްވެރިންނަށް ފައިސާ ދޭން ޖެހޭނެ. މިހާރު އަނެއްކާ އިތުރަށް 298 މިލިއަން، 300 މިލިއަން އެބައޮތް ދައްކަން. އެ ފައިސާ ވެސް މި ބަލަނީ އިރާދަކުރެއްވިއްޔާ ރޯދައިގެ ކުރިން ނިންމައިލެވޭތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ވީހާވެސް ކުރު މުއްދަތެއްގައި މަސްވެރިންނަށް ދައްކަން ހުރި ފައިސާ އަބަދުވެސް ދެއްކޭނެ ނިޒާމެއް ގެނެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެކަން ކުރިއަށްގެންދަވަނީ ވީހާވެސް އަވަހަކަށް ޒިންމާދާރުގޮތެއްގައި ކޮށްދެއްވުމަށް ކަމަށެވެ. އަދި އެ މައްސަލައަކީ މި ސަރުކާރުގެ މައްސަލައަކުން ދިމާވި މައްސަލައެއް ނޫންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިއީ އަޅުގަނޑުމެންނަށް ވާރުތަވި އިގުތިސާދު ހާލަތު އޮތް ގޮތް. އަޅުގަނޑުމެން ހަވާލުވި ދުވަހުވެސް އޮތޭ 260 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ނުދައްކާ. އެ ފައިސާ ވެސް ދައްކައި، އަދި އިތުރަށް ވެސް ފައިސާ ދެއްކީމަތާ 442 މިލިއަން ރުފިޔާ ދެވިފައި އޮންނާނީ. އެހެންވީމާ މަސްވެރިންގެ ކިބައިން ވެސް އަޅުގަނޑުމެން ދަންނަވަން އޮތް ވާހަކައަކީ އަޅުގަނޑު މި މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް އެ ފައިސާ ދައްކަން،" އެމަނިކުފާނު ވިދާޅުވިއެވެ.
މިފްކޯއިން މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަސްތަކެއް ވެފައިވާތީ ގއ. ކޫއްޑޫގައި މަސްވެރިން ވަނީ މިއަދު މުޒާހަރާކޮށް އެ ކާރުހާނާގެ އޮޕަރޭޝަންތައް ހުއްޓުވާލައިފައެވެ. އެ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގަތުމަށް ވެސް ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު