އައްޑޫ ސިޓީ، މަރަދޫން މުހައްމަދު އިޝާން (ވަން އޮންލައިން)
އަވަސް އަވަހަށް ވެރިން ބަދަލުވާ ނަމަ ތަރައްގީ ނުގެނެވޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު ފުރަތަމަ ބައްދަލު ކުރައްވާފައިވަނީ މަރަދޫ އަދި މަރަފޫދޭފޫގެ ރައްޔިތުންނާއެވެ. އިރުޝާދިއްޔާ ސްކޫލުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އާދަމް ޝަރީފު ވިދާޅުވީ ރައީސް މުއިއްޒު ފައްޓަވައިގެން އުޅުއްވާ މަޝްރޫއުތަކަކީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ބޮޑު އަދި މުހިންމު މަޝްރޫއުތަކެއް ކަމަށް އައްޑޫ ކައުންސިލަކު ފާހަގަކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަންވާނެ ހުރިހާ މަޝްރޫއެއް އެއް ދުވަހަކާ އެއް ފަހަރަކާ ނުފެއްޓޭނެކަން. އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ. މިހާރު ފައްޓަވަން ހިޔާރުކޮށްފައިވާ އެ މަޝްރޫއުތަކަށްވެސް ތިން، ހަތަރު، ފަސް އަހަރަކުން ނުނިމޭނެކަން. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި ރާއްޖޭގެ އަޅުގަނޑުމެން ދެމެހެއްޓެނެވި ތަރައްގީއަށް ޒަމާނަށް އެކަށޭނެ ރަނގަޅު ބަދަލުތަކެއް ގެންނަން ބޭނުންވެއްޖެއްޔާ އެކަށީގެންވާ މުއްދަތެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބެންޖެހޭ. އެ ފުރުސަތު އަޅުގަޑުމެން އެބަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދޭންޖެހޭ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިހާރު ނިޒާމު އޮތް ގޮތުން ކޮންމެ ފަސް އަހަރަކުން ވެރިއަކު ބަދަލުވާތީ، ބޭނުންވާ ކުރިއެރުމެއް ގެނެވޭތަން ނުފެންނަ ކަމަށެވެ. ނަމަވެސް ނާގާބިލު ރައީސުންނަށް އިތުރު މުއްދަތެއް ދިނުމެއް ނެތި ވެރިކަމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައްޔިތުންގެ ބާރު ރައްޔިތުންގެ ލިބޭ ގޮތަށް ލާމަރުކަޒީ އުސޫލުގެ ތެރެއިން ވެރިކަން ކުރައްވާނެކަން ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، އެކަން ފާހަގަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، ކައުންސިލްތަކަށް ބާރުތައް ދޫކޮށް، ކައުންސިލްތަކަށް އިހުތިޔާރުތައްދީ، ރައްޔިތުންގެ ބާރުވެރިވާ ގޮތަށް އަމަލުކުރެއްވި ވެރިއަކީ ރައީސް މުއިއްޒުކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ގަބޫލުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު