މި ސަރުކާރުން މަޝްރޫއުތައް ހިންގާނީ ރައްޔިތުންނަށް މުއްސަނދިކަން ލިބޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މަރަދޫފޭދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ލޯނު ނަގަން ޖެހޭ ނަމަ، އެ ލޯނެއް ނަގާނީ ރައްޔިތުންނަށް އޭގެ ފައިދާވާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްގެންދަން ހުރި މަޝްރޫއުތައް ކުރިއަށްގެންދާ އިރުގައި، ނަގަންޖެހޭ ލޯނެއް ވިއްޔާ ނަގަމުންދާނީ އެއް ކަމަކަށް މި ދެންނެވި ރައްޔިތުން މުއްސަނދިވާ ގޮތަށް، ރައްޔިތުންގެ ޖީބަށް އޭގެން ފައިސާ ލިބޭގޮތަށް. ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެގޮތަށް ނަގާ ލޯނުތައް ނަގާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލޯނެއް ނަގަންޏާ އެ ލޯނެއް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް އިގުތިސާދަށް ކަތާ މިންވަރަކުން ކަމަށާއި އެ ލޯނުތައް ނަގާނީ އިގުތިސާދަށް ކުރިއެރުން ގެނައުމަށް ކަމަށެވެ. އަދި އެގޮތަށް މިހާރު މަސައްކަތްތައް ކުރަމުންގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ކުރި މަސައްކަތުން ވެސް، މިސާލަކަށް ޗައިނާއާއެކީގައި އަޅުގަނޑުމެން ސޮއިކުރި 20 އަކަށް އެއްބަސްވުން، އޭގެ ތެރެއިން ވެސް އެއްވެސް އެއްބަސްވުމެއްގައި މި ދެންނެވި ގޮތަށް ނޫން ގޮތަކަށް ނަގާނެ ލޯނެއް ނޫނިއްޔާ އެހީތެރިކަމެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ކޮންމެ އަހަރަކު އެތައް 100 ބިލިއަން ޑޮލަރެއްގެ ލޯނު ނަގަމުންދިޔަ ކަމަށާއި އެ ލޯނުތަކުން ހިންގި މަޝްރޫއުތަކުން ވާ ފައިދާ ވަރަށް ކުޑަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު