ސިއްހީ ނިޒާމު ބައްޓަންކުރާނީ ޑޮކްޓަރު އެޕޮއިންޓްމަންޓް ހެއްދުމަށް އިންތިޒާރުކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ ޑޮކްޓަރު އެޕޮއިންޓްމަންޓް ނުލިބުމުން ލިބޭ ތަކުލީފުތަކާއި ޑޮކްޓަރުން ގަޑިއަށް ހާޒިރު ނުވާ މައްސަލަ ފާހަގަކުރައްވައި، ރައީސާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން ގިނަ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭގެ އިތުރަށް ބޭރުން ވެސް ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް މީހުން ހޯދުން ވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް. އެހެންވީމާ ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް މަޑުކުރަން ޖެހޭ ވަގުތު ވެސް ކުޑަވާނެ. ދެން ދެވަނަ ކަމަކަށް މިހާރު ކުރެވޭ ކަމަކީ އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސްވަރަށް ޔަގީންކަމާ އެކީގައި ހަމަޖެހިގެންދާ ގޮތަށް އިރާދަކުރެއްވިއްޔާ ނިޒާމު ބައްޓަން ކުރަމުން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޕޮއިންޓްމަންޓާ އެކީގައި ސީދާ ދުވަސް ލިބި، އިތުރަށް އިންތިޒާރުކުރަން ނުޖެހޭގޮތަށް ނިޒާމު ބައްޓަންކުރެވިގެންދާނެ ކަމަށާއި އޭރުން ރަށްރަށުން އަންނައިރުވެސް ރައްޔިތުން އިންތިޒާރުކުރަން ޖެހޭ ގޮތެއް ނުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ވީހާވެސް ގިނަ ވަގުތު ޑޮކްޓަރުން ހިދުމަތް ދޭން މަޑުކުރާ ގޮތަށް ބައްޓަން ކުރުން ފަދަ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ތި ވިދާޅުވި ކަންތަކަށް އިރާދަކުރެއްވިއްޔާ ހައްލެއް ގެނައުމުގެ މަސައްކަތް މިކުރަނީ. ދެން ތި ވިދާޅުވި ކަންތަކުގައި މި ދެންނެވި ގޮތަށް ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އިތުރުކުރެވޭ ވަރަކަށް އެގޮތަށް އިންތިޒާރުގައި މަޑުކުރަން ޖެހޭ ވަގުތު މަދުވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހޮސްޕިޓަލުތަކުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަންކަން ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މާލެ ސަރަހައްދެކޭ އެއްގޮތަށް ރަށްރަށުގައި ވެސް، ޓާޝަރީ ހޮސްޕިޓަލު ހުންނަ ތަންތަނުގައި އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.