ފ. ފީއަލީގެ ބިން ހިއްކުމުގެ މަސައްކަތް ލަސްތަކެއްނުވެ ހިއްކައި ނިންމައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބުގެ" ޕްރޮގްރާމްގައި މިއަދު މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ފީއަލީ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދަންނަވާފައިވާނެ ކަމަށެވެ.

"އުއްމީދު ކުރަނީ މާލަސްތަކެއް ނުވެ ބޮޑުހިލަ ގެންދެވި، ރިވެޓްމެންޓް ޖަހާނެ، ޖަހާއިރުގައި ތި ވިދާޅުވި ގިރައިގެން ގޮސްފައި އޮތް ސަރަހައްދާ އެކީގައި ރަނގަޅަށް ނުހިއްކި އޮތް ސަރަހައްދާ އެއްކޮށް ކޮމްޕްލީޓް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކޮންމެ ރަށެއްގެ މައި މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ފީއަލީގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފީއަލީގެ މަޝްރޫއުތައް ތާވަލުކޮށް، ބަޖެޓް ހަމަޖެހޭ ވަރަކުން އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުގެ މަތިން ފީއަލީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ފީއަލީގެ ތަރައްގީއަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަަމަށެވެ.