އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން، ނުކުޅެދުންތެރި ކުދިންގެ ހުނަރު ދައްކާލުމަށް ކާނިވަލެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.
އިޖުތިމާއީ މިނިސްޓްރީން މިއަދު ބުނީ، "ރިވެލި" ނަމުގައި ކުރިޔަށް ގެންދާ ކާނިވާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި، މިއަދު އަދި މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00އަށް ކަމަށެވެ.
ރިވެލި ކާނިވާ ކުރިޔަށްގެންދަނީ، އެ މިނިސްޓްރީ އާއި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންކަމަށާއި އެ ކާނިވާގެ މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، އެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ބޭއްވި 'ރިވެލި' ފެސްޓިވަލްތަކުގައި އިސްކަމެއް ދިނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި މަސައްކަތްތެރިކަން ދައްކާލުމަށް ކަމަށާއި ނަމަވެސް، މި އަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރުމުގެ މަސައްކަތް ފުޅާކޮށް، އާއިލީ ވެއްޓެއްގައި މުނިފޫހިފިލިވުމުގެ އެކި ހަރަކާތްތައް ހިމެނޭހެން، އެ ފަރާތްތަކަށް ހުރި ފަހި ފުރުސަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ކާނިވަލެއް ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެ ކާނިވަލުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މައުރަޒާއި، އެކި ކުޅިވަރުތަކާއި، މައުލޫމާތު ޑެސްކްތަކުގެ ޒަރީއްޔާއިން ކަމާބެހޭ މައުލޫމާތު ދިނުން ހިމެނެއެވެ.
"އެފަދަ އިޖުތިމާއީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް އިގުތިސާދީ ގޮތުން ބާރުވެރިކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށާއި، ރާއްޖޭގެ އެކި ކުންފުނިތަކުގައި އެފަދަ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވިގެންދާނެ،" އެމިނިސްޓްރީން ބުންޏެވެ.
ހަމައެއާއި އެކު ސަރުކާރުގެ އެކި މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ގުޅުންހުރި މައުލޫމާތުތައް އެއް މާހައުލަކުން ފޯރުކޮށްދިނުމަކީ ވެސް އެ ކާނިވަލުގެ މުހިންމު އެއް މަގުސަދުކަމުގައި ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު