ފެހުމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމު ހާސިލުކުރެއްވި ގައުމީ ހިދުމަތްތެރިޔާ ސައީދު ހުސެއިން، ހ. ރީތިގަސްދޮށުގެ އަވަހާރަވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ސައީދު، 80، އަވަހާރަވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ސައީދަކީ މަޝްހޫރު ނޫސްވެރިޔާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަހީބުގެ ބައްޕާފުޅެވެ.

ސައީދު އާއްމު ހިދުމަތުގެ އިނާމު ހާސިލުކުރެއްވީ 2006 ވަނަ އަހަރުއެވެ.

ސައީދަކީ ފުޅާ ދާއިރާއެއްގައި ފެހުމުގެ މަސައްކަތް ކުރައްވައި އެކަން އެކި މީހުންނަށް ދަސްކޮށްދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ، ބައެއް ރިޒޯޓްތަކުގައި އަމިއްލަ ގެސްޓް ޝޮޕްތައް ހިންގަވައި، ފަތުރުވެރިންނަށް ބޭނުންވާ ހެދުންތައް އަމިއްލައަށް ފައްސަވައިގެން ވިއްކަވައިފައެވެ. އަދި ލައިފްޖެކެޓް ފެއްސެވުމުގެ މަސައްކަތްވެސް އޭނާ ކުރެއްވިއެވެ.

ސައީދަކީ، 2007 ވަނަ އަހަރު ޓީވީއެމުން ގެނެސްދިން "ލާމަސީލު މާމަ، ކާފަ" ޕްރޮގްރާމުން ލާމަސީލު ކާފަގެ މަގާމު ހާސިލު ކުރެއްވި ބޭފުޅާވެސް މެއެވެ.