މުޅި ރާއްޖޭގައި 70،000 ހައުސިން ޔުނިޓް އިމާރާތްކުރަން އިންވެސްޓަރުން ހޯދަން ހުޅުވާލައިފިއެވެ.
އިއްޔެ ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމުގައި ދިވެހި ސަރުކާރުން ހުޅުވާލި އިންވެސްޓް ކުރުމަށް ފުރުސަތުގެ ތެރެއިން އެއް ބަޔަކީ ރާއްޖޭގެ ބޯހިޔާވަހިކަމަށް އިންގިލާބެއް ގެނައުމުގެ ފުރުސަތެވެ.
އެގޮތުން ސަރުކާރުގެ ޕްލޭނަކީ އުތުރާއި ދެކުނު އަދި މެދުރާއްޖެ ތެރޭގައި އާބަން ޑިވެލޮޕްމަންޓް ސަރަހައްދުތަކެއް ކަނޑައަޅައިގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމެވެ.
އެ ޕްލޭންގެ ދަށުން ރާއްޖޭގައި ހަދާ 70،000 ފްލެޓްގެ ތެރެއިން 30،000 ފްލެޓް އިމާރާތްކުރަން ނިންމާފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލޭގައެވެ.
ދެން ހިމެނެނީ ހއ، ހދ. އަދި ށ. އަތޮޅު ހިމެނޭ ގޮތުން އުތުރުގައި 20،000 ފްލެޓް އަދި ގއ، ގދ، ފުވައްމުލަކު އަދި އައްޑޫ ހިމެނޭ ގޮތުން ދެކުނުގައި 20،000 ފްލެޓެވެ.
ސަރުކާރުން ހަދަން ބޭނުންވަނީ 15-20 ބުރީގެ އުސް ހައުސިން ޔުނިޓާއި ވިޔަފާރީގެ ބޭނުމަށް ޖާގަ ހުންނަ ގޮތަށް ހަދާ ހަތަރު ބުރީގެ އިމާރާތްތަކަކާއި 3-4 ބެޑްރޫމް ހިމެނޭ ތިން ކޮޓަރީގެ ރޯ ހައުސްތަކެކެވެ.
ސަރުކާރުން ބުނާ ގޮތުގައި، ފްލެޓްތައް އިމާރާތްކުރުމަށް އަކަފޫޓަކަށް 85-100 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މި ޕްރޮޖެކްޓްތައް ހިންގޭނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު