ފުލެޓު ލިބުނު ކަމަށްބުނެ އޮޅުވާލައިގެން މިއަދުވެސް 500،000 ރުފިޔާ ބަޔަކު ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ތިމާއަށް އަންނަ އޯޕީޓީ ކޯޑު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް އެދޭ ކަމަށާއި އެހެން ނޫން ނަމަ ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ.

"ފުލެޓު ލިބިފައިވާ ކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދު ވެސް 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ވަނީ ހޯދާފައި. ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ ލައްވާ! މިފަދަ ހީލަތްތެރިންގެ ޝިކާރައަށްވެ ނުލައްވާ! ފުލެޓު ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފޮނުވާނެ،" ފުލުހުން ބުންޏެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ފުލެޓެއް ލިބުނު ކަމަށްބުނެ މީހެއްގެ އަތުން އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ބަޔަކު ހޯދި މައްސަލައެއް މިދިޔަ ބުދަ ދުވަހު ވެސް ވަނީ ފުލުހަށް ހުށަހަޅައިފައެވެ.

އެނގިފައިވާ ގޮތުގައި ގއ. ވިލިނގިއްޔަށް ނިސްބަތްވާ އެ މީހާގެ އަތުން އޮޅުވާލައިގެން ހޯދި ފައިސާއަކީ އޭނާގެ ދަރީގެ ސްޓޫޑަންޓް ލޯނުގެ ގޮތުގައި ލިބުނު ފައިސާއެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

އޭގެ އިތުރުން މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށްބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދި ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފޯނު ކޯލުތަކެއް ކުރާ މައްސަލައެއް ވެސް ވަނީ ސަމާލުކަމަށް އައިސްފައެވެ. އެކަމަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް އެފަދަ މައްސަލަތައް އިތުރުވާތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފުލުހުން ވެސް ވަނީ އޯޓީޕީ ފަދަ މައުލޫމާތުތައް އެހެން މީހުންނަށް ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.