ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅު ތެރޭ ފެންމަތިކޮށްލި އެންމެ ބޮޑު އެއް މަޝްރޫއަކީ އިހަވަންދިއްޕޮޅު ތަރައްގީގެ މަޝްރޫއެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ނުވަތަ ރާއްޖޭގެ އިގުތިސޯދީ ދޮރުގެ ނަމުގައި ފަށާ އެ މަޝްރޫއު ވެގެންދަނީ ރާއްޖޭގެ އިގުތިސޯދީ ދޮރު ހުޅުވާލައި, ބަދަލު ކޮށްލާނެ ބިޔަ މަޝްރޫއަކަށެވެ.

މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅު ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާއެވެ.

އެމްއޭސީއެލް, އެމްޕީއެލް, އެސްޓީއޯ, އެމްޓީސީސީ އަދި އެޗްޑީސީ ޝާމިލުވާ ގޮތަށް އުފެއްދި އެ ކުންފުންޏަށް އިހަވަންދިއްޕޮޅުން ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް ވެސް ރައީސް ވަނީ ދެއްވައިފައެވެ.

އިކޮނޮމިކް ގޭޓްވޭ މަޝްރޫއުއަކީ މިއަދު ދުބާއީގެ ބުރުޖް އަލް އަރަބުގައި ފަށާ އިންވެސްޓްމަންޓް ފޯރަމުގައި އިންވެސްޓަރުންގެ ކުރިމައްޗަށް ހުށަހަޅާނެ އިންވެސްޓްމަންޓުގެ އެންމެ ބޮޑު އެއް ފުރުސަތަށްވާނެއެވެ.

ފޯރަމުގެ ކުރިން މި ސިޓީގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ, އިހަވަންދިއްޕޮޅުގެ ވަރަށް ބޮޑު ދެ ފަޅެއް ފްރީޒޯން ކުންފުންޏަށް ދޭން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުފަހަރަށް ބަންކާ ކުރުމާއި އަދި ބޯޓުފަހަރަށް ދޭންޖެހޭ ހިދުމަތްތަކާއި އަދި މުދާ ގެންގޮސް ބަހައްޓާނެ ޖާގައާއެއްކޮށް ގުދަން ކުރުމާއެއްކޮށް 100 ހެކްޓަރު ނޫނީ 150 ހެކްޓަރުގެ ބިން, ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަޅުގަނޑުމެން މަސައްކަތް ފަށާނަން," ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށްދާ އިރު, އެކަމުގައި ޔޫއޭއީގެ ތަޖުރިބާއިން ވަރަށް މުހިންމު ފިލާވަޅުތަކެއް ރާއްޖެއަށް ނެގޭނެ ކަމަށެވެ. އެގޮތުން މި ގައުމަށް ކުރެވުނު ތަޖުރިބާ އާއި ހާސިލުނުވި ކަންތައްތަކާއި އެކަމުގެ ސަބަބުތައް ބަލައި, އެ ފިލާވަޅުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި ނެގުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އޮތީ އެ އެކްސްޕީރިއަންސް ހިއްސާކުރަން މި ބޭފުޅުން ރެޑީތޯ, އެ އެކްސްޕީރިއަންސް ރިސީވް ކުރަން ރެޑީތޯ. ދެކޮޅުންވެސް މި ތިބީ އެއް ރޫހެއްގައި," ސައީދު ވިދާޅުވިއެވެ.

ފްރީޒޯން ކުންފުންޏަށް އިހަވަންދިއްޕޮޅުން ބޮޑު ދެ ބިން ދިން ކަމަށް ސައީދު ވިދާޅުވި އިރު, އެ ކުންފުނި އުފެއްދުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކައި، ތިލަފުއްޓާއި ގިރާވަރުފަޅު ބެލުމަށް ފަހު އެންމެ އެކަށީގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރު ބިން ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް ބޭނުންވާ އިންވެސްޓުމަންޓް ހޯދައި، އެ އިންވެސްޓުމަންޓުގެ ބޮޑު ހިއްސާ އިންޑަސްޓްރިއަލް ފްރީޒޯން ކުންފުންޏަށް ދޭންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.