ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން
ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހައްލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރުގެ ވިޔަފާރި ރެގިއުލޭޓު ނުކުރެވި، މިހާރު އެ މައްސަލަ ފަށާނެ ކޮޅެއް މެދެއް ނުފެންނަ ހިސާބުގައި އޮތް އިރު، އެކަމުގެ އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ވަނީ ކުދި ވިޔަފާރިތަކަށެވެ.
އެގޮތުން މިއަދުވެސް ރަސްމީ ރޭޓު 15.42ރ. ގައި ހުރި ނަމަވެސް އާންމުންނާއި ވިޔަފާރިތަކުން ޑޮލަރު ގަންނަން އާންމުކޮށް ޖެހެނީ 18ރ. އިން މަތިންނެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި އުފެދިފައިވަނީ އިކޮނޮމިކް މިނިސްޓަރު ވިދާޅުވާ ގޮތުން ވަރަށް 'އެކްޓިވް' ބްލެކް މާކެޓެކެވެ.
ދުބާއީގެ ބުރުޖް އަލް އަރަބުގައި މިއަދު ހަވީރު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ކުރިން ދުބާއީގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭން ނަގާ ބޭރުގެ ލޯނުތައް ދެއްކުމަށް އުފައްދާފައި އޮންނަ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު ކުރީ ސަރުކާރުން ނަގައި ހުސްކޮށްފައި އޮތުމެވެ.
އަދި ދަރަނި ނަގަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ އިގުތިސާދީ ބޮޑެތި މަޝްރޫއުތަކަށް ނަމަވެސް އެ މަޝްރޫއުތައްވެސް ނިމިފައި ނެތްކަން ފާހަގަކުރެއްވިއެވެ.
"މާކެޓުގައި ޑޮލަރު އެބަ އުޅޭ. އެކަމު ޑޮލަރާއި ވިޔަފާރި އަދި ކޮންސިއުމާ ކޮންފިޑެންސަކީވެސް ހުރިހާ ކަމެއް އެކަތި އަނެކައްޗާ ގުޅިފައި އޮންނަ ކަމެއް. އެހެންވީމަ މިހާރު މިއުޅޭ އިޝޫއަކީ ބްލެކް މާކެޓެއް އޮވެފައި, ބްލެކް މާކެޓަށް ޑެލިބަރޭޓްލީ ވިޔަފާރިތަކެއް ޓައިވަމުންދާ މައްސަލައެއް. އެކަން އޯވާކަމްކޮށްފައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ޑޮލަރު ސިޗުއޭޝަން ހަމައަކަށް އެޅިގެންދާނެ," ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު