މިއަހަރު ރާއްޖޭގެ އިގުތިސޯދަށް 5.5 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ މާލީ ހާލަތު ނުރައްކާ ދަރަޖައަކަށް ވައްޓާލާފައި ކަމަށެވެ. އެ މާލީ ދަތިތަތަކުން ސަލާމަތްވުމަށާއި، ދަރަންޏާއި، ކުރީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ނުދައްކާ ހުރި ބިލުތައް މި ސަރުކާރުން ދައްކަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިއަހަރު އިންޝާﷲ ރާއްޖޭގެ އިކޮނޮމީ 5.5 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ،" ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)އަށް މިހާރު ފައިސާ ޖަމާކުރަމުންދަނީ ޑޮލަރުން ކަމަށެވެ.
ސައީދު އެގޮތަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކާޑުތަކުގެ ޑޮލަރު ލިމިޓް މިހާރަށްވުރެ ދަށްކުރަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން، އެކަން ދޮގުކޮށް، ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއް ކުއޯޓް ކުރައްވައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ކުޑަކުރަން، އެއްވެސް ނިންމުމެއް ބީއެމްއެލުން ނިންމާފައިނުވާ ކަމަށެވެ.
"ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސްއިން އަދި ނިންމަވާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފައެވެ..،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކުން މިހާރު މަހަކަށް މުއާމަލާތް ކުރެވެނީ، ޑެބިޓް ކާޑެއް ނަމަ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑެއް ނަމަ 750 ޑޮލަރެވެ.
ބީއެމްއެލުން މިއަދު ބުނީ ބޭރު ފައިސާ ލިބުމުގައި އެ ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާކުރުމާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު