ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ކުޑަކުރާ ކަމަށްބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޑޮލަރުގެ ތާށިކަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިއޮތް ކަމުގައިވާ ނަމަ، ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިތުރަށް ކުޑަކުރަން އެ ބޭންކުން ނިންމާފައިވާ ކަމަށް ބުނެ މިއަދު ވަނީ ހަބަރު ފެތުރިފައެވެ. ނަމަވެސް ބޭންކުން އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެއެވެ.

ކާޑުގެ ލިމިޓް ކުޑަކުރުމާ ގުޅޭ ގޮތުން ބީއެމްއެލުން ބުނީ، ބޭރު ފައިސާ ލިބުމުގައި އެ ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާކުރުމާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ޑޮލަރު ނެގޭ މިންވަރު ކުޑަކުރަން، އެއްވެސް ނިންމުމެއް ބީއެމްއެލުން ނިންމާފައިނުވާ ކަމަށެވެ.

"ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސްއިން އަދި ނިންމަވާފައި ނުވާކަމުގެ ޔަގީންކަން އެ ބޭންކުން މި މިނިސްޓްރީއަށް ވަނީ ދެއްވައިފައެވެ..،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކުން މިހާރު މަހަކަށް މުއާމަލާތް ކުރެވެނީ، ޑެބިޓް ކާޑެއް ނަމަ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑެއް ނަމަ 750 ޑޮލަރެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލައި ކާޑު ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، އެމްއެމްއޭ އާއި ބީއެމްއެލްއާއެކު މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ބުންޏެވެ. ރާއްޖޭގެ މާލީ އަދި އިގުތިސޯދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ރިސްކުތަކަށް ކުޑަކޮށް ބޭރު ފައިސާ ލިބޭނެ ފަސޭހަ މަގުތަކެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފިނޭންސުން ބުންޏެވެ.

އަދި ބުނީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، މާލީ ދަތިކަން ވަރަށް ބޮޑުކޮށް ހުރި ކަމަށެވެ. އެކަންކަން ރަނގަޅުކޮށް ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.