ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށްޓަކައި މެންބަރުންނަށް ސުވާލު ކުރެވޭ ގޮތް ހަދަން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.
އެގޮތަށް ހުަށަހެޅުއްވީ، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ މިހާރު އުވިފައިވާ 1998 ވަނަ އަހަރުގެ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ. އެ ގާނޫނުގައި ވަޒީރުންނާ ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭ ގޮތަށް އޮންނަ ނަމަވެސް މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލު ކަނޑައަޅާފައި އޮންނަ އިރު، ކުރީގެ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް 14 ދުވަސް ހިމަނާފައިނުވާ ކަމަށާއި އެ ނޯޓިސް ދިނުމަކީ ލާޒިމު ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން މާ ފުރިހަމަކޮށް މަޖިލިސް ގަވާއިދުގައި ހިމެނިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުގިނގާ ގޮތް ބަލައި ވެރިކަން ހިންގުުމުގެ ބާރު ޖަވާބުދާރީ ކުރުވުމަކީ ގާނޫނުއަސާސީން މަޖިލީހަށް ދީފައިވާ ބާރެއް ކަމަށެވެ.
މިކަމަށްޓަކައި ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އުވައިލަން ހުށަހަޅާފައިވާ ގާނޫނުގައި ވަޒީރުންގެ މަޖިލީހުގެ ވަޒީރުންނާ އެކަނި ސުވާލުކުރެވޭ ގޮތަށް އޮތުމުން މުޅި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވަން ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ސަލީމް ވިދާާޅުވިއެވެ.
"ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަކަށް ނޫން، ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު. އޭގެ އިތުރުން ގާނޫނުއަސާސީގައި ބުނަނީ، ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދު ބަހުުން ޖަވާބުދޭންވާނެއޭ، އެހެންވީމާ މިހާ ހިސާބަށް މި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މިކުރި މަސައްކަތްތަކަކީ ވަރަށް ހަނި ދާއިރާއެއްގައި ކޮށްފައިވާ މަސައްކަތްތަކެއް،"
އެހެން ދިމާވީ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދައި އަމަލުކުރަމުންދިއުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ، އަދި ސަރުކާރުގެ އޮފީސްތަކުގެ ވެރިން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭނެ، ހަމައެކަނި ވަޒީރުންނާ އެ މަސްއޫލިއްޔަތު އަދާކުރުން މަތިކޮށްފައި ތިބުމަކީ ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ވާޖިބު ފުރިހަމައަށް އަދާކުރަނީކަމުގެ ގޮތުގައި ގަބޫލެއްނުކުރެވޭ،"
ސަލީމް ވިދާޅުވީ، ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހޭވަރަށް ހާއްސަ ހާލަތްތައް ވެސް ބަޔާންކޮށްފައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިޖުރާއަތް މަޖިލީހުގައި ކަނޑައެޅިފައި ނެތުމުން އެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ނެތީ ކަމަށްވެސް ވިދާޅުވިއެވެ.
އެެހެންކަމުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރުވޭނެ އިޖުރާއަތްތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމަނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ ލާޒިމުކަމެއް، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވާ، ކަނޑައެޅިފައިވާ އުސޫލުގެ މަތިން، އަޅުގަނޑުގެ ހުށަހެޅުމަކީ ވަޒީރުންނާ ސުވާލު ކުރުުމުގެ ގާނޫނު އުވާލުމަށްފަހު ވަޒީރުންގެ މަޖިލީހާއި ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ވާޖިބު ފުރިހަމައަށް އަދާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހު މަޖިލިސް ގަވާއިދުގެ ކަމާބެހޭ ބާބުގެ ކަމާބެހޭ މާއްދާތަކަށް ގެނައުން،" ސަލީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު