ދުބާއީން މުހައްމަދު ސިމާއު
މާދަމާއަކީ ބޮޑު ދުވަހެކެވެ. ހާއްސަ ދުވަހެކެވެ. ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ދިވެހި ސަރުކާރުން މާދަމާ އެ ވަންނަނީ ދުބާއީގެ އެންމެ ރީތި އަދި ދުނިޔޭގެ އެންމެ އުސް އެއް ހޮޓާ, ހަތް ތަރީގެ ބްރުޖު އަލް އަރަބަށެވެ. އެ އިންވެސްޓްމަންޓްތައް ދެކިލައި, މައުލޫމާތު ސާފުކުރަން މާދަމާ ހަވީރު ދުނިޔޭގެ ފެންވަރުގެ 300 އެއްހައި ވިޔަފާރިވެރިން ބްރުޖު އަލް އަރަބުގެ އަލް ފަލަކް ބޯލްރޫމަށް ޖަމާވާނެއެވެ. މިއީ މެދުއިރުމަތީގައި ދިވެހި ސަރުކާރުން ބާއްވާ ވިޔަފާރިވެރިންގެ އެންމެ ބޮޑު ބައްދަލުވުމަށް ވާނެއެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ފުރުސަތުތަކަށް ހާއްސަ އިސްކަމެއް ދީގެން، ސަރުކާރުން ބާއްވާ މި ބައްދަލުވުމުގައި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ކަމާގުޅޭ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންނާއި ވިޔަފާރިތަކުގެ ވެރިން އެތަނުން ފެނި, ބައްދަލުވާނެއެވެ.
ފޯރަމުގައި ބައިވެރިވާ ވިޔަފާރިވެރިންގެ 50 ޕަސެންޓަކީ ބޭރުގެ ކުންފުނިތަކަށްވާއިރު, ޔޫއޭއީ އަދި ރާއްޖޭން ބޭރުގެ ބޮޑެތި ޑިވެލޮޕަރުންނާއި ފައިނޭންސިން އިދާރާތައް އަދި އިންވެސްޓަރުން މި ފޯރަމްގައި ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި މިހާރުވެސް ބޮޑެތި އިންވެސްޓްމަންޓަތައް ކޮށްގެން އުޅޭ މަލްޓި ބިލިއަން ޑޮލަރުގެ ކުންފުނިތަކާއި އާ ވިޔަފާރިވެރީން ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި, އިންވެސްޓްމަންޓް ފޯރަމުގައި ސަރުކާރާއި ވިޔަފާރިވެރިންނަށް އަދި ވިޔަފާރިވެރިންނާއި ވިޔަފާރިވެރިންނާ ދެމެދު ވަކިވަކި ބައްދަލުވުންތައް ބާއްވައި, ގުޅުން ބަދަހިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެއެވެ.
އޭގެ އިތުރުން ފޯރަމްގެ ތެރެއިން ސަރުކާރުގެ މިނިސްޓަރުންނާއި ޕްރައިވެޓް ސެކްޓަރުގެ އިސްވެރިންނާ ސީދާ ސުވާލު ކުރެވޭ ގޮތަށް ހާއްސަ ސެޝަނެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ކުރިއާލައި ބުކް ކޮށްގެންވެސް ބައެއް ބައްދަލުވުންތައް ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދާނެ އެވެ.
ސަރުކާރުން ބުނި ގޮތުގައި މި އިންވެސްޓްމަންޓް ފޯރަމުގެ މައިގަނޑު އަމާޒު ހުންނާނީ ޕޯޓް އަދި ލޮޖިސްޓިކްގެ ދާއިރާއާއި ރިއަލް އެސްޓޭޓް, ޓޫރިޒަމް, އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އިތުރުން ބޭންކިން, ވިޔަފާރި, ހައުސިން, ދަތުރުފަތުރު އަދި ތައުލީމަށެވެ.
މި ފޯރަމަކީ މީގެ ކުރިން ކާމިޔާބު އެތައް ފޯރަމެއް ބާއްވާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިސްނެންގެވުމުގެ މަތިން ބާއްވާ ފަސް ވަނަ ފޯރަމެވެ. ސައީދު މީގެ ކުރިން ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ސިންގަޕޫރު, ޗައިނާގެ ބެއިޖިން އަދި އިންޑިއާގެ ނިއުދިއްލީގައިވެސް އިންވެސްޓްމަންޓް ފޯރަމްތައް އިންތިޒާމު ކުރައްވައިފައެވެ. މި ސަރުކާރުން ޗައިނާގައިވެސް ވަނީ އެފަދަ ފޯރަމެއް ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު