ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ގާނޫނު އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ، 25 އޯގަސްޓް 2005 ގައި އަމަލު ކުރަން ފެށި ގާނޫނެކެވެ.

އެ ގާނޫނު އުވާޅުމުގެ ބިލު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވީ، އުވާލަން ހުށަހެޅުއްވި ގާނޫނަކީ މިހާރު އުވިފައިވާ 1998 ވަނަ އަހަރުގެ ގާނޫނުއަސާސީގެ 81 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ. އެ ގާނޫގައި ވަޒީރުންނާ ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިސް އެއް ދޭންޖެހޭގޮތަށް އޮން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލު ކަނޑައަޅާފައި އޮންނަ އިރު، ކުރީގެ ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް 14 ދުވަސް ހިމަނާފައިނުވާ ކަމަށާއި އެނޯޓިސް ދިނުމަކީ ލާޒިމް ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ކުރީގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށް ސުވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ގާނޫނަކުން ކަނޑައަޅާ ގޮތުގެ މަތިން ކަމަށް ކަނޑައަޅާފައިވާ ބައިވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީން އުނިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި، ވަޒީރުންނާއި ސަރުކާރު އިސް މަގާމުތަކުގައި ތިބޭ މީހުންނާ ސުވާލު ކުރުމުގައި އަމަލު ކުރާނެ އުސޫލު ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާ އިރު، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުރި މީހަކު، އެމީހަކު އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން އެމީހަކާ ލިއުމުން ނުވަތަ އަނގަބަހުން ސުވާލު ކުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ އިރު، މިހާރު އަމަލު ކުރަމުންދާ ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނުގެ މާއްދާތައް އޮންނަނީ، މަޖިލިސް މެންބަރުންނަށް ލިބިފައިވާ އެހައްގު ހަނިވާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ގާނޫނު އުވާލަން ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި، މި ގާނޫނަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވާލައި އަމަލު ކުރަމުން އަންނަ ގާނޫނަކަށްވުން ހިމެނެއެވެ. އޭގެ އިތުރުން މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހުވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް މިހާތަނަށް އެއްވެސް އިސްލާހެއް ހުށަހެޅިފައިނުވުން ހިމެނެއެވެ.

ސަލީމް ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 21 ވަނަ ބާބުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އިޖުރާއަތްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވަޒިރުންނާ ސުވާލު ކުރުމުގެ ގާނޫނަކީ މިހިނދަށް ބޭނުމެއް އޮތް ގާނޫނެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ވަޒީރުންނާ ސުވާލު ކުރުން އިތުރަށް ތަފުސީލުކުރާނަމަ، މަޖިލިސްގެ ގަވާއިދުގައި ހިމަނައިގެން އެކަން ކުރުމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ރޫހު ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން މަޖިލިސް ގަވާއިދުގެ 21 ވަނަ ބާބުގައި، ގަވާއިދުގެ 73 ވަނަ މާއްދާއިން 80 ވަނަ މާއްދާއާ ހަމައަށް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާތީ، ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް އިތުރަށް އިސްލާހުކޮށް ރަނނގަޅު ކުރަން ބޭނުން ނަމަ، މެންބަރުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި އެފުރުސަތު މާފަސޭހައިން ތަނަވަސްވެފައި ވާނެ ކަމަށްވެސް ވިދާޅުވިއެވެ.