ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަންވަރު (ސިމްވާރް) އަށް ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ މަގާމެއް ދީފިއެވެ.

އެނގިފައިވާ ގޮތުގައި އަންވަރަށް ދީފައި ވަނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ.

އަންވަރަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުރެ، އެއިރު އޮތް ވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ހަރަކާތްތެރިވެ އުޅުނު އެކަކެކެވެ.

އޭނާ ވަނީ، ޔާމީންގެ ވެރިކަން ނިމުމުން ރާއްޖެ އައިސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އެމްޑީޕީ ޕްރޮމޯޓުކުރުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަން އޭނާ ކުރިއެވެ.

އަންވަރު ވަނީ، އެމްޑީޕީގެ ތެރެއިން އުފެދުމު ކޯޅުމުގައި އެ ޕާޓީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްގައިވެސް އިސްކޮށް ހަރަކާތްތެރިވެފައެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބުގައި އޭނާ ވަނީ، ރައީސް ސޯލިހާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެކިއެކި ޕޯސްޓްތައް ކޮށްފައެވެ.