ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން 20 ރުފިޔާ އަށް ދަށްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް އިކޮނޮމިކް ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. ނަމަވެސް، އެ ނިންމުން ސަރުކާރުން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

އިކޮނޮމިކް ކައުންސިލްގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް ބަލައިގެންފި ނަމައެވެ.

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައެވެ.

މަސް ގަންނަ އަގު ބޮޑުކުރުމުން، މަސް ބަންދުކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މާކެޓު އަގަށްވުރެ ބޮޑު އަގުގައި މަސް ގަންނަން ޖެހޭތީ އެންސިސް ފިޝަރީޒް އިން ވަނީ މަސް ގަތުން ހުއްޓާލާފައި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ ބަންދު ވެސް ކޮށްފައެވެ.