ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

އެ މަނިކުފާނު ތ. އަތޮޅަށް ފުރައިވަޑައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ގުރައިދޫ އަށެވެ. އެއަށްފަހު ރައީސް ވަނީ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުއްޓަށް ވަޑައިގެންފައެވެ.

ރައީސް ވަނީ އެ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށެއްގެ ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ ސަރުކާރުން އިގުތިސޯދު ރަނގަޅުކުރުމަށް ގެންގުޅޭ އެޖެންޑާ ބަލައިގެންފައިވާކަން ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ.

އޭގެ އިތުރުން ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ.

ރައީސް މުއިއްޒު، ތ. އަތޮޅަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.