ތ. ކިނބިދޫން (ޢަލީ ޔާމީން، ވަން އޮންލައިން)
ކުރިއަށް އޮތް މަސް ދުވަސްތެރޭ، ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު މި ރަށަށް ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅު ވަނީ ކައުންސިލް އޮންނަ ތަނަކަށް އެ މަނިކުފާނު ދިއުން ކަމަށާއި ކައުންސިލްތައް އެ މަނިކުފާނުގެ އަރިހަށް ގެނައުމަށް ބޭނުންފުޅުނުވާ ކަމަށެވެ.
"އެހެންވީމާ މި އަތޮޅު މި ނިމެނީ. އަންނަ ހަފުތާގައި އިރާދަކުރެއްވިއްޔާ ރާއްޖެއިން ބޭރު ދަތުރެއް އެބައިން. އެ ދަތުރު ނިންމާފައި އަންނަ ގޮތަށް މަސް ދުވަސް މި ކަނޑައަޅަނީ ގާތްގަނޑަކަށް. ހުރިހާ ކައުންސިލަކާ އަޅުގަނޑުމެން ބައްދަލުކުރަން ރަށްރަށަށް ދާނަން. ހުރިހާ ކައުންސިލަކާއި ޑަބްލިޔުޑީސީއާ. އެކަމަކު ހުރިހާ ރަށަކަށް ނުދެވޭނެ. އަތޮޅުގެ އެކިއެެކި ރަށްރަށް ޗޫސްކޮށްފައި އެހެން ރަށްރަށުގެ ކައުންސިލްތައް ގެނެސް ކަންކަން އޮޅުން ފިލުވާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އަންނަ އާދިއްތަ ދުވަހު ދުބާއީއަށް ވަޑައިގަންނަވާނެއެވެ. އެ ދަތުރުފުޅަށްފަހު އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ޑަބްލިޔުޑީސީއާ ބައްދަލުކުރެއްވުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުން ސާފުވެވަޑައިގަންނަވާނެ ކަމަށާއި އޭރުން ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ވަކި ތަރުތީބަކުން ކަންކަން ކުރުމަށް އެކަމުގެ ސަބަބުން ފަސޭހަވެގެން ދާނެކަމުގައި ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު