ކުރީގެ ބަންޑާރަ ނައިބު، އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް 4.1 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން އާޒިމާގެ މައްޗަށް ހަތަރު މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އެއީ އާޒިމާ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކާފައިނުވާތީ، އެމްއައިބީން، އާޒިމާއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ. އާޒިމާ، އެމްއައިބީން ނަގާފައިވަނީ 3،186،369.23 ރުފިޔާއެވެ. އެ ލޯނަށް ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމާނާއެކު ޖުމުލަ 4.1 ރުފިޔާ ދެއްކުމަށް ހުކުމްކުރީއެވެ. ހުކުމްކުރީ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ.

އާޒިމާގެ ފަރާތުން، ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ވަނީ އިސްތިއުނާފުކޮށްފައެވެ. ނަމަވެސް ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

އާޒިމާގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް މުރާޖައާ ކޮށްދިނުމަށް ހަމަ އެ ކޯޓަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ހުށަހަޅައިފައެވެ. އެ މައްސަލައިގެ ވަގުތީ އަމުރުގެ ރައުޔުގައި ގާޒީ ޒުލައިޝާ ޝީޒާ ވިދާޅުވީ އެމްއައިބީން 3،186،369.23 ރުފިޔާ ލޯނުގެ ގޮތުގައި އާޒިމާއަށް ދޫކޮށްފައިވާ ކަމަށާއި އެމްއައިބީން އެ ފައިސާ ދޫކުރީ އާޒިމާގެ ނަމުގައި ހުޅުމާލޭގައި އޮތް ބިމެއް، އެމްއައިބީއަށް ރަހުނު ކުރުމުން ކަމަށެވެ. އާޒިމާއަށް 3،186،369.23 ރުފިޔާ ދޫކޮށްފައިވަނީ 2016 ޑިސެމްބަރު 28ގައި ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގައި ކަމަށެވެ. އެމްއައިބީން އާޒިމާއަށް، އެ ފައިސާ ދޫކުރީ އެކަމުގެ ހުރިހާ އެއްބަސްވުމެއްގައި އާޒިމާ ސޮއިކުރުމުން ކަމަށާއި ނަމަވެސް އާޒިމާ އެއްބަސްވުމާ އެއްގޮތަށް ލޯނަށް ފައިސާ ދައްކަމުންނުދާކަން އެނގެން އޮންނަ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ އަމުރު ކުރެއްވީ 4.03 މިލިއަން ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާއާއެކު ޖުމުލަ 4.15 މިލިއަން ރުފިޔާ އާއި މަހުން މަހަށް އަރާ ކުލީގެ ފައިސާ، އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ދައްކައި ހަލާސްކުރުމަށެވެ.