ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެމްޑީޕީން ވަކިކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުރެ، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ޖާބިރު ދަނީ ތަކުރާރުކޮށް އަމަލުކުރައްވަމުން ކަމަށެވެ.
"މިކަމަކީ މި ޕާޓީއާއި ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތަށް އުނިކަން ލިބޭ ފަދަ އަމަލެއްކަމުގައިވާތީ މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގައި މި ޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައި،" އެމްޑީޕީން ބުންޏެވެ.
ޖާބިރު، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ފުރުސަތު ލިބޭނީ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅައި އެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިންކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ފުރުސަތު ގައުމީ މަޖިލީހުން ޖާބިރަށް ދިން ނަމަވެސް، އޭނާއަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ޖާބިރު ވަނީ ކަށަވަރުކުރައްވައިފައެވެ. އެމްޑީޕީން، އޭނާ ވަކިކުރުމުން މިހާރު ވަނީ އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ.
ޖާބިރު އެންމެ ފުރަތަމަ ސޮއިކުރެއްވީ ޑީއާރުޕީއަށެވެ. އެފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީން ވަކިވެވަޑައިގެން ޖާބިރު، 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އަމިއްލަގޮތުން ވާދަކުރައްވައިގެންނެވެ. ނަމަވެސް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމަށްފަހު ޖާބިރު ވަނީ އަނެއްކާވެސް ޑީއާރުޕީއާ ގުޅިވަޑައިގެން، އެ ޕާޓީގެ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އޭގެ ފަހުން ޖާބިރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު