ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވާނެ ކޮމިޔުނިޓީ ތެރަޕިސްޓުން ހިދުމަތަށް ނެރެން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖުތަމައުއެއް އަދި އެ ކަހަލަ މާހައުލެއް މި ރާއްޖޭގައި އުފެއްދޭނެ ކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން މި ސަރުކާރުން ހިދުމަތަށް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ނަފުސާނީ އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށް އެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސާވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެ ތެރެއިން މަގުފަހިކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.