ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަށް ވިލަރެސްވެރިންނާއި ދިރާސާވެރިން ހޯދައި މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެގޮތުން ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު މިހާރު ގާއިމުކުރެވިފައިވާ ކަމަށެވެ.

"މި މަރުކަޒުގެ މައިގަނޑު ބޭނުމަކީ ދިވެހިންގެ އަސްލުވަންތަކަމާ ގުޅޭ ބަހާތައް ދިރާސާކޮށް ކަމާބެހޭ ޢިލްމީ އޮނިގަނޑުތަކުގެ އަލީގައި ދިވެހިވަންތަކަމާ އެއްގޮތަށް ޕެޓާން ކުރުން. މި މަސައްކަތަށް ބޭނުންވާ 10 ވިލަރެސްވެރިންނާއި 50 ފީލްޑް ދިރާސާވެރިން ހޯދައި މަސައްކަތް ފެށިގެންދާނެ. މި މަސައްކަތުގެ ފުރަތަމަ ހަ މަސްދުވަހަށް ފަހު، ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުންނަށް ގައުމިއްޔަތުގެ އިލްމު ފޯރުވައިދިނުމުގެ ޢަމަލީ ޕްރޮގްރާމުތައް މި މަރުކަޒުން ފަށާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ގައުމިއްޔަތާ މުއްސަނދި ސަގާފަތާއި ރިވެތި އާދަތައް އަށަގެންނެވުމުގައި އެންމެ އިސްކަންދޭން ޖެހެނީ ޅަދަރީންނަށާއި ކިޔަވާ ކުދީންނަށް ކަމަށާއި ކާބަފައިންގެ ބުއްދިވެރި ބަހެއްގައި "ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމަޔަށް ނެގިޔަސް އޮންނާނީ ކައްޗަށްކަމަށް" ބުނެފައިވާ ބީދައިން، ގައުމިއްޔަތާ ބީރަށްޓެހި ކަތި ބިންގަލެއްގެ މަތީގައި ދަރީން ހާނުވާން ފަށައިފިނަމަ، ބޮޑެތިވީވީހެން އެކުދީން ދާނީ ދިވެހިވަންތަކަމާ ދުރުހެލިވަމުން ކަމަށެވެ.

"ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ މުގައްރަރުގައި ހިމަނައިގެން އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާނެ. ސްކޫލްތަކުގެ އެސެމްބްލީ ގައުމީ ސަލާމުން ފެށުމުގެ އާދަ ހިފަހައްޓަން މި 2024 ވަނަ އަހަރާއެކު ފަށާފައިވާ އިރު، ގައުމީ ލޯބި ހުރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ. އަޅުގަނޑުމެން އެންމެން މި މުހިންމު ގައުމީ މަސައްކަތުގައި ބައިވެރިވުން ލާޒިމު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދުނިޔޭގެ ބަދަލުވަމުން މިދާ އޮއިވަރުގައި ދިވެހި ޅަ ޒުވާން ސިކުނޑިތައް ޖެހި، ދިވެހިވަންތަކަމާއި ދިވެހި ގައުމިއްޔަތާ ފެޔަށް ޖެހުނަ ނުދިނުމަށްޓަކައި، ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހީންގެ ގައުމީ ތަރިކަ ސަލާމަތްކުރުމަށް، އެކަމަށްޓަކައި ހާއްސަ ވުޒާރާއެއް އުފައްދައި، ބޮޑެތި މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.