ހުއްޓިފައިވާ ނާގޯށީގެ މަސަައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމޭނެ ކަމަށް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އުތުރުން ދެކުނަށް ތަރައްގީކުރަން 2006 ވަނަ އަހަރު، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމެވި ނިންމެވުމުގެ ދަށުން ފާއިތުވި އަހަރުތަކުގައި ނާގޯށީގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްގެންވެސް ކުރިއަށްގެންދެވޭ ގޮތެއް ނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް މިހާރު ނާގޯށި ތަރައްގީކުރާނީ ސީދާ އެމްޓީޑީސީން ކަމަށެވެ. އަދި އެކަމަށް ފައިސާ ހަމަޖެހި، ކުރިއަށް އޮތް ދެ އަހަރެއް ތެރޭ އެ ރިސޯޓުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނަމަވެސް އެމްޓީޑީސީން އެ ރިސޯޓު ތަރައްގީކުރަން މަސައްކަތްކުރަމުން ގެންދާ އިރު، ބޭރުގެ އިންވެސްޓަރެއް އިންވެސްޓުކުރަން ބޭނުުން ނަމަ އެ ފުރުސަތުވެސް ފަހިވެފައިވާ ކަމަށެވެ. އަދި މިހާރު އެ ރިސޯޓު ތަރައްގީކުރުމުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމައިލެއްވިއްޖެ ނަމަ، އެ ޕްރޮޖެކްޓުގެ ދަށުން 128 ކޮޓަރިއާއެކު ރިސޯޓު ތަރައްގީކުރެވޭނެ ކަމަށާއި އެ އަދަދު އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓު ކުރިއަށްގެންދަން ރާވާފައި އޮތީ ދެ ފޭސްއަކަށް ބަހަލައިގެން. އެކަން ކުރިއަށް ގެންދިއުމުން ހދ. އަތޮޅުގެ މީހުންނަށް އޭގެ މަންފާ އަދި ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެ. 600 އެއްހާ ވަޒީފާތައް އުފެދި، އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައްވެސް ނިމުމުން ރާއްޖެއިން ބޭރުގެ ޗާޓަރު ފުލައިޓުތައް ގެނެސް، ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް ހަލުވި ސްޕީޑެއް އައިސް، ގިނަ ކަންތައްތަކެއް ކުރެވި، ކުރިއަށް އޮތް ދެ އަހަރެއް ތެރޭ ނާގޯށީގެ މަސައްކަތް ނިންމައި ހުޅުވާލެވޭނެ،" އޭނާ ވިދާޅުވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، އެ މަސައްކަތަށް ފައިސާގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން ދަނިީ ގިނަ މަސައްކަތްތަކެއް ކޮށްދެމުން ކަމަށާއި އެ ރިސޯޓު އެންމެ ފުރަތަމަ ތަރައްގީކުރަން ފެށި ރަޝިއާ ކުންފުނިން މަސައްކަތުގެ 37 ޕަސެންޓު ނިންމާފައިވާ ކަމަށެވެ.

އެމްޓީޑީސީ އުފެދުނީއްސުރެ މިހާތަނަށް 25،000 ހިއްސާދާރުން ތިބިކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ، މިހާރު އެ ކުންފުނީގެ ކޮންމެ ހިއްސާދާރަކަށްވެސް އެއް ޕަސަންޓު ހިއްސާ ގެންގުޅެވޭނެ ކަމަށެވެ.

ނާގޯށީގެ މަސައްކަތް ނިންމުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެ ރިސޯޓު ނިންމިފައި ނުވާތީ ހދ. އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަތޮޅުގައި ރިސޯޓެއް ނެތުމުގެ ޝަކުވާއަކީ އެ އަތޮޅުގެ ރައްޔިތުން އަބަދުވެސް ޝަކުވާ ކުރާ މައްސަލައެކެވެ.