މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރީ ރަޖިސްޓްރޭޝަންވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން މިއަދުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ ރީ ރަޖިސްޓްރީ ކުރެވޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށެވެ. އީސީގެ ޕޯޓަލް https://form.elections.gov.mv މެދުވެރިކޮށް އޮންލައިންކޮށް ރީ ރަޖިސްޓްރޭޝަން ކުރެވެން ހުންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު ވަނީ އާންމުކޮށްފައި ކަމަށެވެ. ވޯޓުލާން ޖެހެނީ ކޮންތަނަކަށްތޯ ބެލުމަށް 1414 އަށް ގުޅައިގެންނާއި "ވީއާރް (ސްޕޭސް) އައިޑީ ނަމްބަރު" ޖެހުމަށްފަހު 1414 އަށް މެސެޖު ކުރުމުން އެނގެން ހުންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވަން އީސީން ނިންމާފައިވަނީ އަންނަ މަހުގެ 17 ގައެވެ.