ވިނަރެސް ފްލެޓުތައް ގަތް ފަރާތްތަކަށް އިތުރު ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިނަރެސް ފްލެޓްތައް ގަތް މީހުންނަށް ހާއްސަ ލުއިތަކެއްދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން "ލީސް ޓު އޯން މޮޑެލްގެ" އިންޓަރެސްޓް ރޭޓް ނުވަ ޕަސަންޓުން ހަ ޕަސަންޓަށް ބަދަލުކުރުމުގެ އިތުރުން ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ 50 ޕަސަންޓް ކުޑަކުރެވި، ކުޑަކުރެވުނު 50 ޕަސަންޓު ފްލެޓުގެ އަގުން އުނިކުރެވިފައިވާ ކަމަށެވެ.
އެއާއެކު ޑައުންޕޭމަންޓު ދެއްކުމަށް ދެވިފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ހަ ޕަސަންޓު އިންޓަރެސްޓު ރޭޓުގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖުކޮށް 4،200 ރުފިޔާ ކުޑަކޮށްފައިވާ ކަމަށެވެ. އަދި މި ޑިސްކައުންޓަކީ ފްލެޓް އަގުން ދެވޭ ޑިސްކައުންޓެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ބަދަލާއެކު ވިނަަރެސް މަޝްރޫއިން ފްލެޓް ގަތް މީހުންގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ގަތް ފަރާތްތަކަށްވެސް މި ލުއިތައް ދޭނެ ކަމަށެވެ.
އެގޮތުން ބޭންކް ލޯނަށް މަހަކު އެވްރެޖުކޮށް ދައްކަންޖެހޭ ކަމަށް ލަފާކުރެވޭ އަދަދުން 4،200 ރުފިޔާ ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓެއް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ފްލެޓުގެ އަގުންވެސް އެ ވަރުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މީގެ އިތުރުން މިހާތަނަށް ލޯނު ހަމަޖައްސައިގެން ފައިސާ ދައްކާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ފްލެޓްގެ ޑައުންޕޭމަންޓަށްވާ އަދަދުގެ 50 ޕަސަންޓު އަގުން އުނިކުރެވި އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ މި ބަދަލުތަކާ ގުޅިގެން އެގްރީމަންޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު